ރާއްޖޭގެ 100 ކޯޓެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެއްގޮތަށް ސިއްރުހެކިންނަށް ހެކިބަސް ނެގޭނެ އިންތިޒާމު ހަމަޖައްސާފައި ވާކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކޯޓް އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ.ނަޒީރު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި އެއްގޮތަށް ކޯޓްތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. އެގޮތުން މިހާތަނަށް 100 ކޯޓެއްގައި ޤާނޫނުގައިވާގޮތަށް ސިއްރު ހެކި ނެގޭނެ އިންތިޒާމު ހަމަޖެހި އޯޑިއޯ ވީޑިއޯ ނެގޭނެ ގޮތް ހަމަޖައްސާފައިވާކަމަށެވެ. އަދި ބާކީ ހުރި ކޯޓުތަކުގައިވެސް ވަރަށް އަވަހަށް މި އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ނަޒީރު ވިދާޅުވިއެވެ.
"ވޭދުވިދިޔަ މަހާއި ހަމަޔަށް މިވަނީ 100 ކޯޓަކަށް އެ ވަސީލަތްތައް ފޯރުކޮށް ދެވިފަ. ކުރިއަށް އޮތް މަހެއް ހާ ދުވަހު ބާކީ ކޯޓްތަކުގެ ވަސީލަތްތ ގާއިމް ކުރެވޭނެ. ހުރިހާ ކޯޓަކުން ޖިނާއީ އިޖުރާތުގައި ބުނާގޮތަށް ސިއްރު ހެކި ނެގޭނެ ގޮތަށް އޯޑިއޯ ވީޑިއޯ ނެގޭނެ." ނަޒީރު ވިދާޅުވިއެވެ.
މިއަހަރު އެންމެބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ ރާއްޖޭގެ ހުރިހާ ކޯޓެއް އެއްވިއުގަޔަކުން ގުޅާލައި އަދުލު އިންސާފަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފަހިކަމާއިއެކީގައި އާންމު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި މިކަން ކުރެވޭނީ ކޯޓްތަކުގެ އެޑްމިނިސްޓްރޭޝަން ހަރުދަނާކުރެވި ހަލުވި ކުރެވިގެންކަމަށާއި، މި ވޯކްޝޮޕްގެ ބޭނުމަކީ މިއީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ މިހާރުވާނީ ރާއްޖޭގެ ހުރިހާކޯޓެއް، އެވިއުގައިގެ ތެރެއަށް ގެނެވި އެމަސައްކަތް ނިންމުމުގެ މަރުހަލާއަށް މިދަނީ. މިކަން ނިމުމުން ކޯޓްތަކުގެ އެޑްމިނިސްޓްރޭޝަން އިތުރަށް ހަރުދަނާ ވެގެންދާނެ" ނަޒީރު ވިދާޅުވިއެވެ.
ކޯޓްތަކުގެ އެޑްމިނިސްޓްރޭޝަން ހަލުވިކަމާއެކު ހިންގުމަށް އެންމެބޮޑަށް ބޭނުންވެފައިވަނީ ކޭސް މެނޭޖްމަންޓް ސިއްޓަމެއް ކަމަށާއި، މިހާތަނަށް މިސިސްޓަމްވެސް 39 ކޯޓެއްގައި ޤާއިމްކުރެވިފައިވާކަމަށް ޑރ.ނަޒީރު ވިދާޅުވިއެވެ.