ގދ. ތިނަދޫގައި ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ލިޔަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ކޯޓު އަމުރެއްގެ ދަށުން ތިނަދޫއިންކަމަށެވެ. އެމީހާ ހައްޔަރުކުރި އިރު އޭނާ ކޮށްފައިވާ ޓްވީޓެއްގައި ތިނަދޫގެ ޒުވާނުންތަކެއް އެއްކޮށް ލާދިނީ ވާހަކަތަކެއް ކިޔައިދީފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެއީ އޭނާ ދީނާ ދެކޮޅަށް ކުރާ މަސައްކަތް ފާޅުގައި ފެއްޓުން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ކުރިއަށްއޮތްތަނުގައި ދީނާ ޚިލާފު ބޮޑު އެއްވުމެއް ބާއްވާނެ ކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
އެ ޒުވާނާ ހައްޔަރުކޮށްފައިވާއިރު ތިނަދޫގެ ގިނަ އަދަދެއްގެ ޒުވާނުން ދަނީ އޭނާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. އެގޮތުން މިއަދު އެރަށުގައި އެކަމާ ދެކޮޅަށް ޒުވާނުން ނުކުމެ ޕޮލިސް ސްޓޭޝަނަށްވެސް ގޮސްފައިވެއެވެ. ހައްޔަރު ކުރި މީހާ އަކީ މީގެ ކުރިންވެސް ޓްވިޓަރގައި ދީނާ ޚިލާފު ވާހަކަތަކެއް ފަތުރައި އެއްވެސް ދީނެއް ޤަބޫލު ނުކުރާކަމަށް ބުނަމުންދިޔަ މީހެކެވެ.