ޚަބަރު

ދެ ސްކޫލެއްގައި މަލްޓި ޕަރޕަސް ހޯލު އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފި


ލ.އިސްދޫ ސްކޫލާއި، ފުވައްމުލަކު ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި މަލްޓި ޕަރޕަސް ހޯލު އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުންޏާއެވެ.

މި ދެ މަޝްރޫޢުވެސް ހިންގަނީ ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުންނެވެ.

ލ.އިސްދޫގައި މަލްޓި ޕަރޕަސް ހޯލް އެޅުމަށް ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫއަކީ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ.

ފުވައްމުލަކު ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި މަލްޓި ޕަރޕަސް ހޯލް އެޅުމަށް ހަވާލުކޮށްފައިވަނީ އެ މަސައްކަތް 7 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަކީ 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

2 ފަންގިފިލާއަށް ހަދާ މި މަލްޓި ޕަރަޕަސް ހޯލްތަކުގައި، ފާޚާނައާއި، ކޮންޓްރޯލް ރޫމާއި، ޗޭންޖިންގ ރޫމާއި ސްޓޯރ ރޫމްވެސް ހިމެނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މިއަހަރު 37 ސްކޫލެއްގެ ޖާގަ އިތުރުކުރުމަށް ނިންމާފައެވެ. އޭގެ ތެރެއިން 18 ރަށެއްގެ މަސައްކަތް ކުރުމަށް މިހާރުވަނީ ކުންފުނި ތަކަކާ ހަވާލުކޮށްފައެވެ. އަދި 7 ރަށުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ބާކި ރަށްތަކުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ.

މިހާތަނަށް ހަވާލުނުކޮށް ހުރި 19 މަޝްރޫޢު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހަވާލުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.