ޚަބަރު

ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އެންމެހައި މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެފްޑީސީން


  • އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެ

  • ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ފްލެޓްތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށްގެންދާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފް.ޑީ.ސީއިންކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރަނގަޅު އިންތިޒާމުތަކަކާއެކު އަންނަ ހަފްތާގެތެރޭގައި ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފްލެޓު ޙަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފްލެޓު ލިބުނު ފަރާތްތަކުގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ) އާއި ޙިއްސާކުރުމުގެ މަސައްކަތް އެވުޒާރާއިން ފަށާފައިވާކަމަށެވެ.

އެގޮތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރުކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެފް.ޑީ.ސީއިންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް އެކަން އެންގޭނެކަމަށެވެ. އަދި މިގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް އެވުޒާރާއިން ނުވަތަ އެފް.ޑީ.ސީއިން ނުގުޅާނެކަމާއި، އެފަދަ ފޯނު ކޯލުތަކާއި އެސް.އެމް.އެސްތަކަށް ހުރިހާ ފަރާތްތަކަކުން ސަމާލުވުމަށްވެސް އެވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން އިމާރާތްކުރަމުންދާ 4000 ފްލެޓުގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 32 ޓަވަރަކަށް ބަހާލައިގެންނެވެ. މިއީ މާލޭ ސަރަޙައްދުގައި މިވަގުތު ހިންގާ ސޯޝަލް ހައުސިންގގެ އެންމެ ބޮޑު މަޝްރޫޢެވެ.

މި 32 ޓަވަރު ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވަނީ އިންޑީއާގެ ދެ ކުންފުންޏަކާއެވެ. އޭގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭ.ޕީ.އައި.އެލްއާ ޙަވާލުކޮށްގެންވެ. މި ޓަވަރުތަކަށް ދީފައިވަނީ "އަމާން އުދަރެސް" މި ނަމެވެ. އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަމުންދަނީ ނެޝެނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯރޕަރޭޝަން، އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. އެން.ބީ.ސީ.ސީން ތަރައްޤީކުރަމުންދާ 16 ޓަވަރަށް ދީފައިވަނީ "އަމާން ދޯދި" މި ނަމެވެ.

މި 4000 ފްލެޓް މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 3 ކޮޓަރިއާއި 2 ކޮޓަރީގެ އެޕާޓްމެންޓްތަކެކެވެ. މި ފްލެޓްތަކުގެ ފިނިޝިންގގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓަވަރުތަކަށް ބޭނުންވާ ޔޫޓިލިޓީ ޚިދުމަތްތައް ގުޅާލުމުގެ މަސައްކަތެވެ.

4000 ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" މަޝްރޫޢުގައި ފްލެޓް ދީފައިވާގޮތާގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުގެ ސަބަބުން، މި ސަރުކާރުން އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މި މަސައްކަތް ކުރިއަށްގެންދިޔަގޮތް ވަނީ ބަލާފައެވެ. ކޮމިޓީއިން ނެރުނު ލިސްޓުގައި ގިނަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ފެންނާތީ، އެ ފަރާތްތަކަށް ޖަވާބުދާރީވެ ޝަކުވާ ހުށައެޅުމަށް ވަނީ ފުރުޞަތު ދީފައެވެ.