އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫއެއް ގދ. ތިނަދޫގައި ފަށަން ހަމަޖެހިއްޖެއެވެ.
ތިނަދޫ ކައުންސިލުން ވިދާޅުވި ގޮތުގައި އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ތިން ހެކްޓަރުގެ ބިމުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ވަނީ ރޭވިފައެވެ. އަދި އެ މަޝްރޫއު ހިންގުމަށް ބިން ދޫކޮށްފައިވަނީ ތިނަދޫ ހުޅަނގު ފަރާތުން ކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް، އަލީ އަމްޖަދު ވިދާޅުވީ ސޯލަރ ޕެނަލްތައް އެޅުމަށް ނިންމާފައިވަނީ އެރަށު ގޮނޑުދޮށް ޙިމާޔަތް ކުރުމަށްޓަކައި ޖަހާފައި ހުރި ޖިއޯ ބޭގްތަކާ ދިމާއިން އެއްގަމާ ވީ ފަޅިއަށް ކަމަށެވެ. އެގޮތުން ކުނި ކޮށި ސަރަޙައްދުން ފެށިގެން ގޮސް ދަޑުކޮޑާ އަވަށާ ހަމައަށް އެއްކޮޅުން އަނެއް ކޮޅަށް ސޯލަރ ޕެނަލް ހަރުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، އެމަޝްރޫއުގެ ދަށުން ސޯލަރ ޕެނަލްތައް ޖަހާނީ ބިމުން ފެށިގެން 8 ފޫޓު މަތީގައި ކަމަށާއި އެސަރަހައްދު ޕާކިން ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށް ގެންދިއުމަށް އެންވަރާމެންޓް މިނިސްޓްރީއާ އެކު އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓަކީ އެންވާރަމެންޓް މިނިސްޓްރީން ހިންގާ އެކްސަލަރޭޓިން ސަސްޓެއިނެބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނަރޖީ (އެސްޕަޔަރ) މަޝްރޫއުގެ ދަށުން ތިނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.