ޚަބަރު

ތިނަދޫ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު ދެ ދުވަސްތެރޭ އާންމުކުރަނީ


ގދ. ތިނަދޫގައި ސަރުކާރުން އަޅާފައިވާ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ނަން ލިސްޓް، ކުރިއަށް އޮތް ދެ ދުވަސްތެރޭ އިއުލާންކުރާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލުގެ ރައީސް، ޢަލީ އަމްޖަދު ވިދާޅުވީ ފްލެޓުތައް ލިބޭ މީހުންނަށް މާކްސް ލިބިފައިވާ ގޮތުގެ ލިސްޓު ކުރިއަށް އޮތް ދެދުވަސް ތެރޭ އިއުލާންކުރައްވާނެ ކަމަށާއި އެ ލިސްޓު އާންމުކުރާއިރު ގުރުއަތު ނެގޭ ފަރާތްތައްވެސް ލިސްޓުން ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވި ގޮތުގައި އެކައުންސިލުގެ އަމާޒަކީ އަންނަ އޮކްޓޯބަރު މަސް ފެށޭހާތަނގައި ފްލެޓް ޙަވާލުކޮށް އެފަރާތްތަކަށް ފްލެޓުތަކުގައި ދިރިއުޅެވޭ ވަރުވުމެވެ.

ގދ. ތިނަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 120 ފްލެޓުގެ ތެރެއިން، އޭ ކެޓަގަރީގައި ހިމެނޭ 80 ފްލެޓަށް 580 ފޯމު ހުށަހަޅާފައިވާއިރު ބީ ކެޓަގަރީގައި ހިމެނޭ 25 ފްލެޓަށް އެދި 238 ފޯމު ހުށަހަޅާފައިވެއެވެ. ސީ ކެޓަގަރީގައި ހިމެނޭ 15 ފެލްޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.

މީގެ ކުރިންވެސް ދެ ފަހަރަކަށް އެ ރަށުން ފްލެޓްތައް ލިބުނު މީހުންގެ މާކްސް ހިމެނޭ ލިސްޓު އާންމުކޮށްފައިވެއެވެ. ފުރަތަމަ ފަހަރު އާންމުކުރީ ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގައެވެ. އެފަހަރު އާންމު ކުރި ލިސްޓާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅާފައިވާތީ ތިނަދޫ ކައުންސިލުން އެކަން ބަލައިދިނުމަށް އޭސީސީއަށް ހުށަހެޅުމުން ހައުސިންގ މިނިސްޓްރީއާ ގުޅިގެން އެކަން ކުރިއަށް ގެންދިއުމަށް އޭސީސީން އެންގުމާ ގުޅިގެން އެ މިނިސްޓްރީގެ ލަފަޔާއެކު އެކުލަވާލި ކޮމެޓީއަކުން އެ ލިސްޓު ރިވިއު ކުރުމަށްފަހު ދެވަނަ ފަހަރަށް އިއުލާންކުރިއެވެ.