އަތޮޅުތައް

އިހަވަންދޫން ގޯތި ދޫކުރި ލިސްޓު ބާޠިލް ކުރުމަށްފަހު، އަލުން ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލައފި


މިދިޔަ ސަރުކާރުގައި ހއ. އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، ގޯތި ދިން މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން ބާޠިލްކޮށްފި އެވެ. އަދި 200 ގޯއްޗަށް އެދި ހުށަހެޅުމަށް އަލުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

އިހަވަންދޫން ގޯތި ދޫނުކުރާތާ 10 އަހަރަށް ފަހު ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ 2016 ވަނަ އަހަރު އެވެ. އޭރު ދޫކުރި 100 ގޯއްޗަށް، 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެ ގޯތިތަކަށް ހޮވުނު މީހުންނަށް، މިދިޔަ އަހަރު ވަނީ އެކަމުގެ ލިޔުން ވެސް ޙަވާލުކޮށްފައެވެ. އަދި އިތުރު 100 ގޯއްޗަށް ކުރިމަތިލުމަށް އޭރު އިޢުލާނު ކުރިކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ސަރުކާރު ބަދަލުވުމާއެކު އިހަވަންދޫ ކައުންސިލުން ވަނީ ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ މައްސަލަ ހައުސިން މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ.

ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލީ އިހަވަންދޫގައި ކުރިން އޮތް ކައުންސިލުން ކަމަށާއި، ގޯތި ދޫކުރުމުގެ މަސައްކަތް ޢަމަލީ ގޮތުން ކުރީ މިހާރު އޮތް ކައުންސިލުން ކަމަށް މިހާރުގެ ކައުންސިލުން ބުނެއެވެ. މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އޭރުގެ ސަރުކާރުން އެ ރަށުގެ ފަސް ކައުންސިލަރުން ހަ މަހަށް ސަސްޕެންޑް ކުރުމަށްފަހު، އޭގެ ފަހުން ގޯތި ދޫކުރުމުގެ ކަންކަން ކުރީ ހައުސިން މިނިސްޓްރީގެ ޓީމަކުންނެވެ. ސަސްޕެންޝަން ނިމި ކައުންސިލަރުން އޮފީހަށް ނުކުންނެވުމުގެ ކުރިން މިނިސްޓްރީން ވަނީ ގޯތި ދޫކޮށް އެކަމުގެ ލިޔުން ވެސް ޙަވާލުކޮށްފަ ކަމަށް ކައުންސިލްގެ ރައީސްވަނީ ވިދާޅުވެފަ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ ހައުސިންގ މިނިސްޓްރީން ގޯތި ދޫކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށާއި، ބައެއް ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން މީހުންނަށް ގޯތި ދީފައިވާކަން ފާހަގަ ކުރެވިފައިވާކަމަށާ، ޞައްޙަ ނޫން މައުލޫމާތު ދީގެން، ވަކި ބަޔަކަށް ގޯތި ދޫކޮށްފައިވާ ކަމަށް ކައުންސިލުން ތުހުމަތު ކުރި އެވެ.

"ހުށަހަޅާފައިވާ ވަރަށް ގިނަ ޑޮކިއުމަންޓްތަކަށް ވަނީ އުނި އިތުރު ގެނެސްފައި. މީހުން ހުށަހެޅި ތަކެއްޗަށް ބަދަލު ގެނެސް، ނުބައި މައުލޫމާތު ހިމަނާފައި ހުރި. އެހެންވެ، އަޅުގަނޑުމެން ސަސްޕެންޝަން ހަމަވުމާއެކު އަލުން ލިސްޓު ބަލައި، ހެއްކާއެކު މިނިސްޓްރީއަށް ހުށަޙެޅީ. އޭރު އޮތީ ސަރުކާރު ބަދަލުވެފައި" ކައުންސިލް ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ މިނިސްޓްރީން ބެލުމަށް ފަހު ލިސްޓު ބާޠިލް ކޮށްފައިވާ ކަމަށެވެ. އަދި 200 ގޯއްޗަށް އަލުން ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

އިހަވަންދޫއިން ގޯތި ދޫކުރުމަށް ހަމަ ޖެހިފައިވަނީ ޕްރީ ސްކޫލު ގޯތީގެ ހުޅަނގުނގު މަގާއި އިރުމަތީ މަގާއި ހަވީރީ ހިނގުމާއި ދެމެދުން ޕްރީ ސްކޫލް ގޯތީގެ އުތުރުން، ރާދަ ހިނގުމާއި ދެމެދު ސަރަހައްދުން ނެގޭ ގޯތި ތަކާއި، މުތީ ގޯޅީގެ ހުޅަނގުން ނޫރާނީ މަގުގެދެކުނުން ކަތީބުކަލޭފާނު މަގުގެ އިރުން އޮތް ބިމުން ނެގޭ ގޯތިތަކާއި އަދި ކަތީބު ކަލޭފާނު މަގުގެ ހުޅަނގުން ނޫރާނީ މަގުގެ ދެކުނުން އޮތް ސަރަހައްދުން ޖުމުލަ 40 ފޫޓު 40 ފޫޓުގެ 200 (ދުއިސައްތަ) ގޯއްޗެވެ.

ގޯއްޗަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠު ހަމަވެގެން ގޯއްޗަށް އެދިފައިވާ މީހުންގެ އަދަދަށް ވުރެ އިތުރު ވާނަމަ، ގޯއްޗަށް އެދިފައިވާ މީހުންގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް ކަނޑަ އަޅާނެ އުޞުލެއް ވަނީ ޢާއްމުކޮށފައެވެ.
މިއުޞޫލުގައި ވާ ގޮތުން ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި އެމީހަކަށް ޝަރްޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބިފައި އޮވެ، އެގޯއްޗަކާމެދު ޢަމަލު ކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކޮށްގެން ކަމަށް އެއިދާރާއިން ބުނެއެވެ.

ގޯތި ދިނުމާއި ބެހޭ އެންމެހައި ކަންކަން ބަލަހައްޓާނީ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދިނުމުގެ ގަވައިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމިޓީ އިން ކަމަށް އެކައުންސިލުން ހާމަކޮށްފައިވެއެވެ.