ޚަބަރު

އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހެޅި ޤަރާރު 5 މެމްބަރުންގެ ކޮމިޓީއަކަށް


އިންތިޙާބީ މަޤާމުތަކަށް ކުރިމަތިލެވޭނީ ޕާޓީގައި އުޅޭތާ 1 އަހަރުވެފައިވާ ފަރާތްތަކަށް ކަމުގައި ކަނޑައެޅުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހެޅި ޤަރާރު 5 މެމްބަރުންގެ ކޮމިޓީއަކަށް ފޮނުވައިފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 167 ވަނަ ޤައުމީ މަޖިލީހަށް އައްޑޫ ސިޓީގެ ރައީސް އަޙްމަދު އަދުހަމް ހުށަހެޅި ޤަރާރާމެދުވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގައި ބަހުސްކޮށްފައެވެ. މިބަހުސްގައި ވާހަކަ ދެއްކި ގިނަ މެމްބަރުންވަނީ މި ޤަރާރަކީ އެމްޑީޕީގެ އަސާސީ ޤަވާއިދާވެސް ތަޢާރަޒުވާ އިސްލާހެއްކަމަށް ބުނެފައެވެ. އެމްޑީޕީއަކީ ހުރިހާ ރައްޔިތުންނަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއްކަމުން، މިފަދަ ޤަރާރެއްގެ ސަބަބުން ޕާޓީއަށް ވަންނަ މެމްބަރުންގެ މަދުވެ ޕާޓީބޮޑުކުރުމަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވާނެކަމަށެވެ.

އިންތިޙާބްތަކާއި ދިމާކޮށް، އެމްޑީޕީއާއި ގިނަ މެމްބަރުން ގުޅެނީ ވޯޓުންކާމިޔާބް ލިބެން އޮތީ އެމްޑީޕީއަށް ވާތީކަމަށް މި ޤަރާރަށް ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވެފައިވެއެވެ. ގަލޮޅު އުތުރު ދާއިރާގެ ރައީސް އީވާ އަބްދުﷲ ވިދާޅުވީ މާދަމާ އެމްޑީޕީއަށް ވަންނަ މީހާވެސް ޕްރައިމްރީގައި ވާދަކޮށް އޭނާއާއި ވާދަކުރާ ފަރާތުގެ މައްޗަށް ކުރި ހޯދުމަކީ އޭނާއައް އޮތް ތާއީދު ހާމަވާކަމެއްކަމަށެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހެޅި މިޤަރާރު ވަނީ އިތުރަށް ދިރާސާކުރުމަށްޓަކައި، ޤައުމީ މަޖިލީހުގެ 5 މެމްބަރުންގެ ކޮމިޓީއެއް ނަގައި އެކޮމިޓީން މިމައްސަލަ އިތުރަށް ދިރާސާކުރުމަށްފަހު ދެން އޮންނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ހުށަހެޅުއްވުމަށް ނިންމާފައެވެ.