އަތޮޅުތައް

ރޯދައަށް މަރާމާތު ކުރުމަށް އޭދަފުށީ މަސްޖިދު ޔޫސުފް ބަންދުކޮށްފި


ރަމަޟާންމަހަށް ބޮޑެތި މަރާމާތުތަކެއް ކުރުމަށްޓަކައި އޭދަފުށީ މަސްޖިދު ޔޫސުފް މިސްކިތް ބަންދުކޮށްފިއެވެ.އޭދަފުށީ ކައުންސިލުން ބުނީ މިސްކިތް ބަންދުކޮށް މަރާމާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން އިއްޔެ މަސައްކަތް ފަށާފައިވާކަމަށާ، މަރާމާތުގެ އަގު އަށްޑިހަ ފަސްހާސް ރުފިޔާއަށްވުރެ ބޮޑުވާނޭކަމުގައެވެ.އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ މިފަހަރު ބޮޑު މަރާމާތަކަށް މިސްކިތުގެ ސީލިންގް އެކީ ބަދަލުކުރުން ހިމެނޭކަމަށާ، އޭގެ އިތުރުންވެސް ކުލައާކުރުންފަދަ ކުދި ކުދި މަރާމާތުތައް ކުރިޔަށްގެންދާނޭކަމުގައެވެ. އަދި ރޯދަމަސް ފެށުމުގެ ކުރިން މިސްކިތް ހުޅުވިގެންދާއިރު އޭދަފުށީގެ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ކްލަބް ދަބިގިނާސްގެ ފަރާތުން ހިލޭ އެމިސްކިތް އެކީ އެއާކޯން ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.އޭދަފުށީގެ މަސްޖިދް ޔޫސުފް މިސްކިތުގެ މަރާމާތުގެ މަސައްކަތް އިއްޔެ ފެށުނުއިރު، ބ. އަތޮޅުގެ އެހެނިހެން ގިނަ ރަށްރަށުގެ މިސްކިތްތަކުގެ މަރާމާތު މަސައްކަތްވެސް ފެށިގެން ކުރިޔަށްދާކަމަށް އެރަށްރަށުގެ ކައުންސިލް އިދާރާތަކުން ބުނެއެވެ.