ލ. އަތޮޅު ގަމުގެ ތުނޑީ އަވަށަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށްޓަކައި އައު ކޭބަލެއް އަޅަން ފަށައިފިއެވެ.
ގަމު ތުނޑީ އަވަށުގައި މައްސަލަ ދިމާވެފައިވަނީ ލިންކް ރޯޑް ސަރަހައްދުގައި އަޅާފައިވާ ކޭބަލުގައެވެ. އެހެން ކަމުން ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެ ސަރަހައްދުގައި އަޅާފައިވާ ކޭބަލް ބަދަލު ކުރުމުގެ މަސައްކަތް ފެނަކަ ޓީމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފަށާފައެވެ.
މީގެ އިތުރުން އެ ރަށުގެ ހުރިހާ އަވަށަކަށް އެއް އިންޖީނުގެއަކުން ކަރަންޓު ފޯރުކޮށް ދިނުމަށްޓަކައި ބޭނުންވާ ސާމާނުވެސް މިހާރު ވަނީ އެރަށަށް ގެންގޮސްފައެވެ. އަދި އެމަސައްކަތް ކުރުމަށްޓަކައި ގަމުގެ އިންޖީނުގެ ގޯތި ތެރެ ބޮޑު ކުރުމަށްޓަކައި ބިންސާފު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
މިކަމާ ގުޅިގެން ގަމު ދާއިރާގެ މަޖިލިސް މެމްބަރު، މުހައްމަދު ވިސާމް ވިދާޅުވެފައިވަނީ ގަމުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ ގަމުގެ ތިން އަވަށް އެއް ނެޓްވޯކަކުން ގުޅާލެވިގެން ކަމަށާއި އެކަން ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް އައިސްފައިވާ ކަމަށެވެ. އަދި މަސައްކަތް ނިމި މިއަހަރު ނިމުމުގެ ކުރިން ޚިދުމަތް ދެވޭ ވަރުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.