ޚަބަރު

ސަރުކާރުގެ ސްކީމްގެ ދަށުން ތިނަދޫގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތު އިތުރުކޮށްފި


ގދ. ތިނަދޫއިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެ އެޅުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް އެރަށު ކައުންސިލުން ދިން މުއްދަތު އިތުރުކޮށްފިއެވެ.

ގޯތި ތަކުގައި ގެ އެޅުމަށް އެދި ހުށަހެޅުމަށް މީގެ ކުރިން އެ ކައުންސިލުން ހުޅުވާލީ މިއަދާ ހަމައަށެވެ. މިއަދު އެކައުންސިލުން ނެރުނު އިޢުލާނެއްގައި ވަނީ ފޯމު ހުށަހެޅުމަށް ގިނަ ފަރާތްތަކަކުން ބޮޑު ތަރުޙީބެއް ލިބެމުންދާތީ ފޯމު ހުށަހެޅުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ޖުމްލަ 20،000 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް، އެރަށަކުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެގޮތުން ރަށްރަށުން ދޫކޮށްފައިވާ ގޯތި ތަކުގައި ގެ އެޅުމަށް ހަމަޖައްސާފައިވަނީ އަތޮޅު ތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާބެހޭ އުޞޫލުގެ ދަށުންނެވެ.ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ކުރިއަށް ގެންދާ މަޝަރޫއެކެވެ. މިމަޝްރޫޢުގެ ދަށުން ގެ އަޅައިދޭ އުސޫލުގެ ދަށުން ގޯތީގައި ގެ އިމާރާތް ކުރަން އެދޭ ފަރާތްތަކަށް ދެ ގޮތަކަށް ގެ އިމާރާތް ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އެއީ ގޯތީގައި އާދައިގެ ގެއެއް އެޅުމާއި ދެ ބުރިއަށް ގެ އިމާރާތް ކުރުމެވެ.

މި މަޝްރޫޢުގެ ދަށުން ކޮންމެ ގެއެއް އިޚްތިޔާރު ކުރިކަމުގައި ވީ ނަމަވެސް ޢިމާރާތް ކުރެވޭނީ ތިން ކޮޓަރި، ތިން ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެ ހިމެނޭ ގޮތަށެވެ. އަދި ކޮންމެ ގޮތަކަށް އިމާރާތް ކުރި ނަމަވެސް ގެތަކުގެ އިމާރާތް ކުރެވޭ ތަނުގެ ބޮޑު މިނުގެ ގޮތުގައި ހުންނާނީ 900 އަކަފޫޓު ކަމަށްވެސް އެ އުޞޫލުގައިވެއެވެ.

މި މަޝްރޫއުގެ ދަށުން އަޅާ ގެތަކަށް ފައިސާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭ އިރު އިމާރާތަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާޞްވަންދެން އެ އިމާރާތް ހުންނާނީ ރަހުނު ކުރެވިފައެވެ. އަދި އިމާރާތަށް ވަނުމަށް ޑައުން ޕޭމަންޓެއް ދައްކާކަށް ނުޖެހޭނެ އެވެ.