ޚަބަރު

އައްޑޫ ހައި ސްކޫލުގެ ހޯލުގެ މަސައްކަތް ކުންފުންޏަކާ ޙަވާލު ކުރުމަށް ޓެންޑާރ ބޯޑުން ނިންމައިފި


އައްޑޫ ހައިސްކޫލުގައި އެޅުމަށް ހަމަޖެހިފައިވާ 2 ބުރީގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ބަޔަކާ ޙަވާލު ކުރުމަށް ޓެންޑަރ ބޯޑުން ނިންމައިފިއެވެ.

ޓެންޑަރ ބޯޑުން މިމަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ، އިނޯކާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. މިމަޝްރޫޢު އެކުންފުންޏާއި ހަވާލު ކުރުމަށް ނިންމާފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މިމަޝްރޫޢުގެ އަގަކީ 8،315،731 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިމަޝްރޫޢު ނިމިގެން ދާއިރު، މިސްކޫލުގެ ގާތްގަނޑަކަށް 570 މީހުންގެ ޖާގައިގެ ހޯލެއް އަޅާނެއެވެ. މަލްޓިޕާޕަސް ހޯލް ނިމޭއިރު މިހޯލުގައި ދެ ޗޭޖިންގް ރޫމާއި، ދެފާޚާނާ ބަރީގެ އިތުރުން، ނުކުޅދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުންނާނެއެވެ. ދެބުރިއަށް ޢިމާރާތް ކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކުރެވިފައެވެ.

މިސްކޫލު އުފެދިގެން އައީ 2011 ވަނަ އަހަރު އޭރު ސާނަވީ ފެންވަރަށް ކިޔަވައި ދެމުން އައި އިސްލާމީއްޔާ ސްކޫލް އުވާލުމަށް ފަހުއެވެ. ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާ އަކަށް ވެފައި އޮންނަނީ ސްކޫލު ހޯލެއް
ނެތުމުގެ މައްސަލައެވެ. އިސްލާމިއްޔާ ސްކޫލުގެ ގޮތުގައި މިސްކޫލުގެ ހިންގި ދުވަސްވަރު ސްކޫލުގެ ހޯލެއްގެ ގޮތުގައި ބޭނުންކުރަމުން އައި ޕާޓިޝަން ޖަހައިގެން ބޭނުން ކުރަމުން ދިޔަ ކްލާސްރޫމު ބަރިއެކެވެ. ނަމަވެސް ހައިސްކޫލަށް ބަދަލުވެ، ޙަފްލާތަށް ބާއްވަނީ ސްކޫލުގެ ގޯތިތެރޭގައި އޮންނަ ހުސް ބިމުގައެވެ.

އައްޑޫ ހައި ސްކޫލަކީ އައްޑޫގައި ހަމައެކަނި މަތީ ސާނަވީ ފެންވަރަށް ކިޔަވައިދޭ އެންމެ ބޮޑު ސްކޫލެވެ. މިސްކޫލުގައި މިހާރުވެސް ގާތްގަނޑަކަށް 500 އެއްހާ ދަރިވަރުން ކިޔަވަމުން ދެއެވެ. މަތީ ސާނަވީ ތަޢުލީމު ޙާސިލު ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދު ތަކުން ކުދިން އެސްކޫލަށް ދެއެވެ.