ޚަބަރު

އެއްފަހަރާ 20 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމުގެ ޤާބިލުކަން އެމްޑަބްލިއުއެސްސީގެ އެބަހުރި - އާޒިމް


އެއްފަހަރާ 20 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކެޕޭސިޓީ އެމްޑަބްލިއުއެސްސީގައި އެބަހުރިކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

4ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލއިއެސްސީއާ، ޕްލޭނިންގ މިނިސްޓްރީން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ އެކުންފުނީގެ މިހާރުގެ އަމާޒަކީ ކުރިން ނުކުރާ މަސައްކަތްތައް ކުރަން ފެށުންކަމަށާ މީގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ވަޢުދުތައް ފުއްދުންކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒަކަށްވާތީ އެކަން ޙާސިލުކުރުމަށް އެކުންފުނިން މަސައްކަތް ކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގައި މިކަމުގެ ޤާބިލުކަން ހުރިކަން ފާހަގަކުރައްވައި އާދަމް އާޒިމް ވިދާޅުވީ އެކުންފުންޏާ ޙަވާކުރާ މަސައްކަތްތައް ކުރާނީ ފަހުން އަންނަ ބަޔަކަށް އެއިން ދަތިތަކެއް ކުރިމަތި ނުވާނެފަދަ ގޮތަކަށް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްކަމަށެވެ.

ކުރިއަށްއޮތް 2 އަހަރުދުވަހުގެތެރޭގައި ނިންމުމަށް އެމްޑަބްލިއުއެސްސީއާ ވަނީ 4 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ޙަވަލުކޮށްފައެވެ.