ޚަބަރު

4 ރަށެއްގެ ފެނާއި ނަރުދަމާ ޤާއިމުކުރަން އެމްޑަބްލިއުއެސްސީ އަށް


4 ރަށެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ޙަވާލުކޮށްފިއެވެ.

ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ.ކިނޮޅަހާއި ނ. ކުޑަފަރި، ނ.މާޅެންދޫ އަދި ބ،ގޮއިދޫގައެވެ.

ޑިޒައިން އެންޑް ބިލްޑިން އުސޫލުން ޙަވާލުކުރި މިމަޝްރޫޢުތަކުގެ ދަށުން މިރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމު ފަރުމާކޮށް ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގައެޅުމާއި އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބަހައްޓާއި ގޭގެއަށް ފެނާއި ނަރުދަމާގެ ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ތެރެއިން ބ، ގޮއިދޫގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަށް 46 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ނ. މާޅެންދޫގައި ހިންގާ މަޝްރޫއުގެ އަގަކީ 42 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމަށް 36 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު ނ.ކުޑަފަރީގައި މަޝްރޫއަށް 38 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.

މި ހަތަރުގެ ރަށުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިމަޝްރޫތައް ޙަވާލުކުރުމަށް ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ އެކުންފުނީގެ އަމާޒަކީ މިމަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ވީ އެންމެ އަވަހަކަށް ނިންމާ ރައްޔިތުންނަށް ޚިދުމަތްދޭން ފެށުންކަމަށެވެ.

މިއެއްބަސްވުންތަކުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާރުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއެވެ.