ހދ. ކުމުންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ހޯދުމަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްޞީލު އެރަށު ކައުންސިލުން ހާމަކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެރަށުން ގޯތި މިދޫކުރަނީ ގޯތި ދޫނުކުރާތާ ގިނަ ދުވަސްތަކެއް ވުމުން، އެރަށު ރައްޔިތުންނަށް ދިމާވާ ދަތި ތަކަށް ޙައްލެއް ހޯދައިދިނުމަށް ކަމަށް ކައުންސިލް އޮފީހުން ބުނެއެވެ. އެރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2010 ވަނަ އަހަރު އެވެ.
ކުމުންދޫގައި އަލަށް އާބާދުވާ ސަަރަޙައްދުން ދޫކުރާ މިގޯތި ތަކަކީ 3000 އަކަފޫޓުގެ ގޯތި ތަކެކެވެ. ކުމުންދޫ ކައުންސިލް އޮފީހުން ބުނީ ގޯތި ދޫކުރާނީ މަދުވެގެން 50 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބޭ މީހުންނަށް ކަމަށެވެ. އަދި ގޯތި ދޫކުރާނެ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތައް ކުމުންދޫ ކައުންސިލް އޮފީހުން މިހާރުވަނީ ޢާއްމު ކޮށްފައެވެ. ގޯތި ލިބޭނެކަމަށް ކަނޑައަޅާފައިވާ ޝަރުޠު ތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް، ކުރިން ލިބިފައި ނެތުމާއި 18 އަހަރުން މަތީގެ މީހެއް ކަމުގައި ވުން ފަދަ ޝަރުޠު ތައް ހިމެނެއެވެ.
ޕޮއިންޓް އުޞޫލުން ގޯތި ލިބޭ މީހުން ކަނޑަ އަޅާއިރު، ދޫކުރަން ހަމަޖެހިފައިވާ ގޯއްޗަށްވުރެ ޕޮއިންޓްގެ މިންގަޑަށް ފެތޭ މީހުންގެ ޢަދަދު އިތުރު ވެއްޖެނަމަ ގޯތި ދޫކުރާނީ ގުރުއަތު ލައިގެން ކަމަށް މިކަމާބެހެ ގޮތުން ކުމުންދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
ކުމުންދޫ ކައުންސިލުން ބުނީ ޕޮއިންޓް ދީފައިވާ ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ މީހުން މި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އެކަން އެކައުންސިލަށް އަންގައި ދިނުމަށް އެދޭކަމަށެވެ. އަދި ގޯއްޗަށް އެދިފައިވާ އެއްވެސް ފަރާތެއްގެ ޙާލަތު ބަދަލުވުމާއި ގުޅިގެން ގޯތި ނަގަން ބޭނުން ނުވާނަމަ އެކަންވެސް މިމަހު 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އަންގަން ޖެހޭކަމަށެވެ.
ކުމުންދޫއިން ގޯތި ދޫކުރުމަށް އިޢުލާން ކުރުމުން 110 ފަރާތަކުން ގޯތި ހޯދުމަށް އެދި އެކައުންސިލަށް ވަނީ ފޯމްލާފައެވެ.