ޚަބަރު

އިހަވަންދުއާއި، ކުޅުދުއްފުށީގައި ގެ ނާޅާ ހުރި ގެވަޅުތަކުގައި ސްކީމެއްގެ ދަށުން ގެ އަޅައިދެނީ


އިހަވަންދުއާއި ކުޅުދުއްފުށީގައި ގެ ނާޅާ ހުރި ގެވަޅުތަކުގައި ސަރުކާރުގެ ހައުސިންގ ސްކީމްގެ ދަށުން ގެ އަޅަން ބޭނުންވާ ފަރަތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ބޭނުންނުކޮށް ހުރި ގެވަޅުތަކުގައި ގެ އަޅައިދިނުން، ސަރުކާރުގެ ސްކީމްގައި ހިމަނާފައިވަނީ ގެ އެޅުމުގައި މާލީ ދަތިކަން ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ގޮތުންނެވެ.

މިގޮތަށް ގެ އަޅައިދިނުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓު ހިމެނޭ ބިންތަކުގައެވެ. މި ސްކީމްގެދަށުން އަޅައިދިނުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ ގެތަކެވެ. މިކަމަށް އެދި ކުޅުދުއްފުށީ ރައްޔިތުން ލިޔުން ހުށައަޅަން ޖެހެނީ މިމަހުގެ 15ވަނަ ދުވަހުގެ ކުރިން އެރަށު ކައުންސިލަށެވެ. އަދި އިހަވަންދޫ ރައްޔިތުން ލިޔުން ހުށައަޅަންޖެހެނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އިހަވަންދޫ ކައުންސިލަށެވެ.

ކައުންސިލްތަކާއި ގުޅިގެން ހައުސިން މިނިސްޓްރީއިން ގެންދަނީ ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުންވާ މީހުގެ މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. ރަށްރަށަށް ބޭނުންވާ ހައުސިންގ މަޝްރޫޢުތައް ކަނޑައަޅަނީ މިއަށް ބެލުމަށް ފަހުއެވެ. ސަރުކާރުންވަނީ ރަށްރަށުގައި އަޅާނީ ފްލެޓްތޯ ނުވަތަ ރޯހައުސްކަން ނިންމާނީ ކައުންސިލްތަކުން ކަމަށް ވިދާޅުވެފައެވެ.