ޚަބަރު

"ރަންނަމާރި ރެކް"އަށް 20އަހަރު ފުރުން ފާހަގަކުރުމަށް 1 ދުވަހުގެ ޑައިވް ހަރަކާތެއް ބާއްވައިފި


އަންސާނާ އިހުރު ރިސޯޓްގެ "ރަންނާމާރި ރެކް"އަށް 20 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ރިސޯޓްގައި ޚާއްސަ ޑައިވް ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. މި ހަރަކާތުގައި 50އެއްހާ ޑައިވަރުން ބައިވެރިވެފައިވެއެވެ.

"ރަންނަމާރި ރެކް"އަށް 20އަހަރު ފުރުން ފާހަގަކުރުމަށް އެ ރިސޯޓްގައިވަނީ ރެކަށް ޑައިވް ކުރުމާއި، ކަނޑުތަކާއި ފަތުރަކާއި ގުޅުންހުރި މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. "ޓެން ޓު ޓެން ޑައިވް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި އިވެންޓް ފައްޓަވައިދެއްވީ ކުރީގެ ޓުއަރިޒަމް މިނިސްޓަރުކަން ކުރެއްވި އަޙްމަދު މުޖުތަބާއެވެ.

"ރަންނަމާރި ރެކް" ހެދިފައިވަނީ އެރަށުގައި އަރޓިފިޝަލް "ރެކް"އެއް ހެދުމަށް ގެނައި ބާ އުޅަނދެއް އެ ސަރަޙައްދަށް އޭގެ އަމިއްލަ ޒާތުގައި ފެތިގެންނެވެ. އުޅަނދު އަޑިއަށްދިޔަތާ 20އަހަރުވެފައިވާއިރު، އަންސާނަ މެރިން ޓީމްގެ މަސައްކަތުންނާއި، އަދި ގުދުރަތީގޮތުން އެ ސަރަހައްދު މިޙާރު ފެނަނީ ކަނޑުގެ އެތަށް ދިރުންތަކެއް އުޅެމުން އަންނަ މާޙައުލެއްގެ ގޮތުގައެވެ. އަންސާނާ އަދި ވައްބިންފަރުގެ ޑައިވް ޓީޗަރ އަހްމަދު ހަމްދާން ހަމީދް ބުނެފައިވަނީ މިތަނަކީ ފަތުރުވެރިންގެ މަޤްބޫލު މަންޒިލަކަށްވެފައިވާކަމަށާއި، އެތައް ފަތުރުވެރިއަކު ރިޕީޓްކޮށް އެތަން ބަލާލަން އަންނަމުންދާކަމަށެވެ.

"މިއީ ހަމަ އަރޓިފިޝަލް ރީފް އެއް ހަދަން ތިލަފުށިން ގަނެގެން ގެނައި ބޭނުންނުކުރާ ޑްރެޖަރެއް. ނަމަވެސް ފައްތަން އޮތް ތާރީޚްގެ ކުރިން އަމިއްލަ ޒާތުގައި ފެތުނީ. ދެން އޮތްގޮތަށް އޮތީ. މިހާރު އޮތީ ރީތި ފަރަކަށްވެސް، އެތަށް ކަނޑުގެ ދިރުމުގެ ގެއަށްވެފައި." ހަމްދާން ބުނެފައިވެއެވެ.


"ޓެން ޓު ޓެން ޑައިވް" ހަރަކާތުގައި ރަންނަމާރި ރެކްއަށްވަނީ 9 ޑައިވްކޮށްފައެވެ. ޑައިވަރުންވަނީ ދުވަހުގެ އެކި ވަގުތުތަކުގައި އެ ސަރަަޙައްދަށް ޑައިވްކޮށްފައެވެ. އެގޮތުން ސަންސެޓް ޑައިވް، ޑޯންޑައިވް އަދި މިޑް ނައިޓް ޑައިވަށްވެސް ގޮސްފައިވެއެވެ. 26މީޓަރު އަޑީގައި އޮންނަ މި ރެކްއަށް ޑައިވިންގ ގިއަރސް ބޭނުންނުކޮށް ފްރީ ޑައިވްވެސް ކޮށްފައިވެއެވެ.

މި ހަރަކާތުގައިވަނީ ރާއްޖޭގެ ފަރުތަކާއި، ކަނޑުގެ ދިރުންތަކާއި، އަދި ފަރުތަކަށް އޮތް ނުރައްކާތަކާއި ގުޅޭގޮތުންވެސް ކަމުގެ މާހިރުންގެ އެހީއާއިއެކު މަޢުލޫމާތު ދިނުމުގެ ސެޝަންތައްވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިރުތުން މި ރެކަށް ނަންދެވިފައިވާ "ރަންނަމާރި" ފޯކްލޯއާއި ގުޅޭ ތަމްސީލެއްވެސް ދައްކާލާފައިވެއެވެ.

މި އިވެންޓްގެ މަޤްސަދުތަކުގެ ތެރޭގައި އަންހެން ޑައިވަރުންނާއި، އަންހެން މެރިން ރިސަރޗަރުން އިތުރުކޮށް މިދާއިރާއަށް ޝަޢުގުވެރިކުރުންވެސް ހިމެނެއެވެ. މި ޕްރޮގްރާމްގެ ޚާއްސަ މެހުމާނެއްގެ ގޮތުގައި ރާއްޖޭގެ ޕަޑީ ޑައިވް 3 ޑައިރެކްޓަރުގެ ތެރޭގައި ހިމެނޭ ކަނބަލެއްކަމަށްވަ ޒޫނާވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. ޒޫނާ ވިދާޅުވީ ރާއްޖޭގެ ފަތުރަކުގެ މުއްސަނދިކަމަކީ ހަމައެކަނި ރާއްޖެ މާކެޓް ކުރުމަށް ބޭނުންކުރާ ތަނެއްގެ ބަދަލުގައި، މި ދިރުންތައް ޙިމާޔަތްކޮށް މާޙައުލުގެ ރައްކާތެރިކަމަށްވެސް އިތުރަށް ސަމާލްވާންޖެހޭކަމަށެވެ. އަދި މިފަދަ ރެކްތަކަކީ ރާއްޖޭގެ ކަނޑުތަކާއި ފަރުތައް އިތުރަށް މުއްސަނދިވެ، ޑައިވް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ތަފާތު މޫދުގެ ދިރުންތައް ތަޖުރިބާ ކުރަން ލިބޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ރެކް ކައިރިން އެބަ ފެނޭ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ދިރުންތައްވެސް. އޭގެން ފެނަނީ މިތަންތަނުގެ މުއްސަނދިކަން. އެހެންވީމާ މިތަންތަން ރަނގަޅަށް ބަލަހައްޓައި، ރައްކާތެރިކުރަން ޖެހޭ." ޒޫނާ ވިދާޅުވިއެވެ.

އަންސާނާ އިހުރު ރިސޯޓުން ގެންދަނީ މި ރެކް އޮތް ސަރަޙައްދާއި، އެރަށު ފަޅު ތެރޭގައިވެސް މުރަކަ އާލާކުރުމުގެ ޕްރޮޖެކްޓެއް ފަށައިގެން ކުރިއަށްގެންދަމުންނެވެ. އެ ރިސޯޓަށް 25އަހަރު ވެފައިވާއިރު، އެރަށުގައި މެރިން ސެންޓަރެއް ހިންގާތާވަނީ 15 އަހަރުވެފައެވެ.