ތިން ރަށެއްގެ ސްކޫލުގައި އިތުރު ކްލާސްރޫމްތަކެއް އެޅުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އިތުރު ކްލާސްރޫމްތަކެއް އެޅުމަށް ހަމަޖެހިފައިވާ 3 ސްކޫލަކީ އދ. މަހިބަދޫގައި ހުރި އދ. އަތޮޅު ތައުލީމީ މަރުކަޒާއި، ހދ. ވައިކަރަދޫގައި ހުރި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން އއ. ތޮއްޑޫ ސްކޫލެވެ.
މީގެ ތެރެއިން އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އިމާރާތްކުރާ 16 ކްލާސްރޫމްގެ ހަތަރުބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. ހދ. އަތޮޅު މަދަރުސާގައި އިމާރާތްކުރާ 12 ކްލާސްރޫމްގެ ތިންބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކިއު.ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި އއ. ތޮއްޑޫގައި އިމާރާތްކުރާ 12 ކްލާސްރޫމްގެ ތިންބުރި އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތެއްގައި މި 3 މަޝްރޫޢުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހީމެވެ. މި 3 މަޝްރޫޢަށްވެސް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޕީ.އެސް.އައި.ޕީ ބަޖެޓުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
އެގޮތުން އދ. އަތޮޅު މަދަރުސާގައި 16 ކްލާސްރޫމް އިމާރާތްކުރުމަށް 10 މިލިއަން ރުފިޔާ، ހދ. އަތޮޅު މަދަރުސާގައި 12 ކްލާސްރޫމް އިމާރާތްކުރުމަށް 7.7 މިލިއަން ރުފިޔާ އަދި އއ. ތޮއްޑޫ ސްކޫލުގައި 12 ކްލާސްރޫމް އިމާރާތްކުރުމަށް 7.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މި 3 މަޝްރޫޢު ހިންގުމަށްވެސް ހަވާލުކޮށްފައިވަނީ އެއް އަހަރުދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށްފަހު ހަވާލުކުރާގޮތަށެވެ.