ޚަބަރު

"ލިސިޕްރިޔާ" ކުޑަކުޑަ، ކްލައިމެޓް އެކްޓިވިސްޓު!


މޫސުމަށް އަންނަމުންދާ ބަދަލުތަކަށް މީހުން ހޭޅުންތެރިކުރުމަށް މަސައްކަތްކުރާ އިންޑިއާގެ އެންމެ ޢުމުރުން ހަގު އެކޓްވިސްޓް ލިސިޕްރިޔާ ކަންގުޖަމް މާލޭގެ އިސްކަންދަރު ސްކޫލްގެ ދަރިވަރުންނާ ބައްދަލުކޮށް އޭނާގެ ތަޖުރިބާ ޙިއްސާކޮށްފިއެވެ.

އިސްކަންދަރު ސްކޫލްގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ލިސިޕްރިޔާވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ހޭލުނތެރިކަން އިތުރުކުރުމަށް ޚާއްސަ ޕްރެޒެންޓޭޝަނެއްވެސް ދީފައެވެ. ޕްރެޒެންޓޭޝަނަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ލިސިޕްރިޔާ ބުނީ ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް އޭނާފެށީ ގުދުރަތީ ކާރިސާތަކުގައި ކުޑަކުދިންނާއި ވެށީގެ ދިރުންތައް ނެތި މަރުވަމުންދާކަން އެގުމުންކަމަށެވެ. އަދި މިކަން އެނގުމުން ޚަބަރުތަކުން މިކަމުގެ އިތުރު ތަފްސީލުތައް ހޯދައި ޤުދުރަތީ ކާރިސާތައް އިތުރުވުމުގެ މައިގަނޑު މައްސަލައަކީ މޫސުމަށް އަންނަމުންދާ ބަދަލުތައްކަން އޭނާއަށް އެނގުނުކަމަށާ އޭގެ ސަބަބުން މިކަމާމެދު މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ފެށީކަމަށް އޭނާ ބުންޏެވެ. އަދި މިއީ ވަގުތުން ވަގުތަށް ޙައްލުކުރަން މަސައްކަތްކުރަން ޖެހިފައިވާ މައްސަލައެއްކަމަށް އޭނާއަށް ވިސްނޭކަމަށް ބުންޏެވެ.

ޢުމުރުން އެންމެ 8 އަހަރުގެ ލިސިޕްރިޔާ ބުނީ ޤުދުރަތީ އެކި ކާރިސާތަކުގައި ގިނަ ޢަދަދއެއްގެ އިންސާނުންނާއި ޖަނަވާރުން މަރުވަމުދާތީ އެކަމާ ވަރަށް ހިތާމަ ކުރާމަށެވެ. އަދި އެކަމަށްޓަކައި ކްލައިމެޓް ބިލް އިންޑިއާގެ މަޖިލީހުން ފާސްކޮށްދިނުމަށް އޭނާވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާއި ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުނަށް ގޮވާލާފައެވެ.

އޭނާއަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާގުޅިގެން ކުރިމަތިވަމުންދާ މައްސަލަތަކަށް ޢާއްމުން ހޭލުންތެރިކޮށް އަޑުއުފުލަމުންދާ އެންމެ ހަގު އެކްޓިވިސްޓެވެ. އެގޮތުން އޭނާވަނީ "ދަ ޗައިލްޑް މޫވްމަންޓް"ގެ ނަމުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ލިބެމުންދާ ގެއްލުންތަކުން ދުނިޔެ ސަލާމަތްކުރުމަށް ބައިނަލްއަޤުވާމީ ޙަރަކާތެއް ފަށާފައެވެ. އޭގެ ދަށުން މިހާތަނަށް އޭނާވަނީ 16އަށްވުރެ ގިނަ ޤައުމަށްގޮސް މިކަމުގައި އަޑުއުފުލާފައެވެ.