ޚަބަރު

ޒުވާން ލީޑަރުން އުފެއްދުމާ ގުޅޭ ޚާއްޞަ ފޯރަމެއް ތިނަދޫގައި ބާއްވަނީ


ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން "ޒުވާން ލީޑަރުންގެ ފޯރަމް"ގެ ނަމުގައި ޒުވާނުންނަށް ޚާއްސަ ޕްރޮގްރާމެއް ގދ. ތިނަދޫގައި ބާއްވަން ހަމަޖައްސައިފިއެވެ.

ހޯމް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި އެފޯރަމަކީ ޒުވާނުންގެ މެދުގައި ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމުގެ މަޤްޞަދުގައި އެ މިނިސްޓްރީއާ ގުޅިގެން ޔޫތް ލީޑާރސް ނެޓްވޯކް އިން އިސްނަގައިގެން ހިންގާ ދެ ދުވަހުގެ މުއްދަތަށް ބާއްވާ ފޯރަމެކެވެ. މިއީހޯމް މިނިސްޓްރީން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން ތިނަދޫގައި ބާއްވާ ފޯރަމެކެވެ.

މިފޯރަމް ފެށޭނީ ގައުމީ ޔުނިވަސިޓީގެ ތިނަދޫ ކެމްޕަހުގެ ހޯލުގައި މާދަމާ މެންދުރުފަހު އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފޯރަމުގައި 73 ފަރާތަކަށް ފުރުޞަތު ހުޅުވާލާފައިވެއެވެ. އެގޮތުން އޭލެވެލް ހަދާ ދަރިވަރުންނާއި 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް މި ފޯރަމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ.

މި ފޯރަމުގައި ހަ ސެޝަނެއް ބާއްވަން ހަމަޖައްސާފައިވާއިރު ތަހުޒީބު މުޖުތަމައެއް ބިނާ ކުރުމާ ގުޅޭ ގޮތުން އެ ސެޝަންތަކުގައި ބައިވެރީންނަށް މައުލުމާތު ދެވޭނެއެވެ. މި ފޯރަމުގައި ހިންގާ މައިގަނޑު ހަ ސެޝަނަކީ:

  • 1. ގައުމުގެ އަމާންކަން ދެމެހެއްޓުމުގައި ޒުވާނުންގެ ދައުރު
  • 2. ތަހުޒީބީ މުޖުތަމައަކަށް އިސްލާމީ ލީޑަރޝިޕްގެ މުހިއްމުކަން
  • 3. ޒުވާނުން އަހުލުވެރިވާންވީ މުހިއްމު ގާނޫނުތައް
  • 4. ދިވެހި ތާރީޚުގައި ތަހުޒީބް މުޖުތަމައެއް ބިނާކުރުމުގައި ލީޑަރޝިޕް އައިސްފައިވާގޮތް
  • 5. ކޮމިއުނިޓީ އެންގޭޖްމަންޓް އަދި ކޮމިއުނިކޭޝަން ސްކިލްސް
  • 6. ޕަބްލިކް އެންގޭޖްމަންޓް އެކްޓިވިޓީ