ސިޔާސީ

ޤާނޫނުތަކާއި އެއްގޮއަށް ރައްޔިތުންނަށް އިންސާފު ލިބޭނެ- މިނިސްޓަރ


ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތަށް ރައްޔިތުންނަށް އިންސާފު ލިބޭނެ ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.ޚާރިޖީ ވަޒީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތަށް ރައްޔިތުންނަށް އިންސާފު ލިބޭނެ ކަމަށާއި، ރާއްޖޭގެ ހަމަޖެހުން ނަގާލާ، ހަމަނުޖެހުންތަކަށް ހިތްވަރުދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.ޚާރިޖީ ވަޒީރު މިހެން ޓްވީޓް ކޮށްފައި މިވަނީ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި އެޕާޓީގެ ކައުންސިލު މެންބަރު ސޮބާހު ރަޝީދުގެ މައްޗަށް ޖިނާއީ ދައުވާ ކޮށްފައިވާތީ ކަންބޮޑުވާ ކަމަށްބުނެ ސްރީލަންކާގައި ހުންނަ އެމެރިކަން އެމްބަސީން މިއަދު ޓްވީޓް ކޮށްފައިވަނިކޮށެވެ.އެމެރިކަން އެމްބަސީގެ ޓްވީޓުގައި ބުނެފައިވަނީ އިދިކޮޅު ތިން ލީޑަރެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރާތީ ކަންބޮޑުވާ ކަމަށާއި، ޑިމޮކްރާސީއަށް ރައްޔިތުންގެ އިތުބާރު އަލުން އުފެދޭތަން ދެކެން ބޭނުންވާކަމަށެވެ.އިމްރާން އާއި އަމީން އާއި ސޮބާހް ގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، މޭ މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިސް ނަގައިގެން އެމްޑީޕީއާއިއެކު މާލޭގައި ބޭއްވި މުޒާހަރާގަ، އަނިޔާވެރިކަމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދެއްކުމުން، މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑް ފަޅާލައި، އަނިޔާވެރި އަމަލުތަކެއް ހިންގުމުން ކަމަށް ބުނެއެވެ.