ގދ.ތިނަދޫގެ މުވައްސަސާތައް ގުޅިގެން އެ ރަށުގެ ފަތާ ޓްރެކް ސަރަޙައްދު ސާފުކޮށްފިއެވެ.
ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން އިސްނަގައިގެން ކުރިއަށްގެންދިޔަ ސާފު ކުރުމުގެ ޙަރަކާތުގައި އެ ރަށުގެ ގިނަ މުވައްސަސާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން، އެ ޙަރަކާތުގައި ތިނަދޫ ޕޮލިސް ސްޓޭޝަން، ތިނަދޫ ޕަބްލިކް ވޯކްސް، ޒޯން 7 ސްޓޭޑިއަމްގެ އަދި ތިނަދޫ ކައުންސިލުންވެސްވަނީ ބައިވެރިވެފައެވެ.
2017ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ތިނަދޫގައި ފަތާ ޓްރެކެއް ހުޅުވީ ކުރީ ވޯޓަރ ޕާކެއްގެ ގޮތުގައެވެ. ސަރުކާރުގެ ބަޖެޓުން 500،000 ރުފިޔާ ޚަރަދުކޮށްގެން ހުޅުވި ކުރި އެ ޕާކަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ނަމަވެސް ވޯޓަރ ޕާކް ހުޅުވިތާ މާ ގިނަ ދުވަހެއް ނުވަނީސް އެ ތަނުގައި ބަހައްޓާފައިހުރި ތަކެތި ހަލާކުވުމުގެ ސަބަބުން މޫދަށް އެރުމަށް ދާ މީހުން މަދުވިއެވެ. އެއަށްފަހު، ތިނަދޫ ރައްޔިތުން މޫދަށް އެރެނީ އެ ރަށު އުތުރު ފަރާތުން ހިއްކާފައިވާ ސަރަޙައްދުގެ ގޮނޑުދޮށަށެވެ.
މީގެ ކުރިން، ޒޯން 7 ސްޓޭޑިއަމުން އިސްނަގައިގެން ވޯޓަރ ޕާކުގައި ބޭނުންކުރި ބެޑުތައް މަރާމާތުކުރުމަށްފަހު، ފަތާ ޓްރެކް ސަރަޙައްދުގެ މޫދުގައި ބެހެއްޓިއެވެ. ނަމަވެސް، ފަހުން އަނެއްކާވެސް އެތަކެތި ހަލާކުވުމާ ގުޅިގެން، އެ ސަރަޙައްދުން އެތަކެތިވަނީ ނަގާފައެވެ.