ޚަބަރު

ކްލައިމެޓު ރެފިއުޖީންނަށް ވާކަށް ދިވެހިން ބޭނުމެއްނުވޭ - ޑރ.ޙުސައިން ރަޝީދު


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމެއްގައި، ކްލައިމެޓު ރެފިއުޖީންނަށްވާން ދިވެހިން ބޭނުންނުވާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

"ވޯކްޝޮޕް ޓު މެކްސިމައިޒް ދަ ޕޮސިޓިވް އެންޑް މިނިމައިޒް ދަ ނެގެޓިވް އިމްޕެކްޓްސް އޮފް އިމްޕްލިމެންޓޭޝަން އޮފް ކްލައިމެޓް ޗޭންޖް ރެސްޕޯންސް މެޝަރސް" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކާގުޅިގެން ދިމާވާ ކޮންމެ ކަމަކާ، ދިވެހިޤައުމު ސާބިތުކަމާއިއެކު ކުރިމަތިލާނެކަމަށެވެ.

އެހެންނަމަވެސް އޭގެސަބަބުން އެހެން އެއްވެސް ޤައުމަކަށް ކްލައިމެޓު ރެފިއުޖީންގެ ގޮތުގައި ދާން ދިވެހިން ބޭނުންނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައިވަނީ މޫސުމީ ގޮތުން އަންނަ ބަދަލުތަކާއި އޭގެ ނުރައްކަލާމެދު ގިނަބަޔަކު ފަރުވާ ކުޑަކުރާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިހާރު އޮތް ޙާލަތުން މިއީ ހަމައެކަނި މޫސުމީ ބަދަލެއް ނޫންކަމަށާއި އަދުގެ ޙާލަތު މިވަނީ ކްލައިމެޓް އެމަރޖެންސީއަކަށް ބަދަލުވެފައިކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތުކުރާ އެކި ޤައުމުތަކާއި ޖަމްޢިއްޔާތަކުގެ މެމްބަރުން ބައިވެރިވި މި ވޯކްޝޮޕް ފަށްޓަވައި ދެއްވާ މިނިސްޓަރ ވަނީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ރައްޔިތުންގެ މުސްތަގުބަލާމެދު ވިސްނުމަށާ، މިފަދަ ޤައުމުތަކުގެ ކުރިމަގު ސަލާމަތްކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެފަރާތްތަކުގެ އަރިހުން އެދިވަޑައިގެންފައެވެ.

"ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް" (ޔޫ.އެން.އެފް.ސީ.ސީ.ސި) އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ މިމަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޤައުމުތަކުން ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ، އެފަދަ އަސަރުތަކާއި ގުޅޭގޮތުން މެމްބަރު ޤައުމުތަކުގެ މެދުގައި މަޝަވަރާކޮށް ޚިޔާލުބަދަލުކުރުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސާޅިސް ޤައުމަކުން މަންދޫބުން ބައިވެރިވެއެވެ. މިމަސައްކަތު ބައްދަލުވުމުގެ އަމާޒަކީ ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތައް ގުޅިގެން މެމްބަރު ޤައުމުތަކުގައި ހިންގާ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އިންސާނި ވަސީލަތް ތަރައްޤީ ކުރުމާއި މިދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމެވެ.