ޚަބަރު

މަހަށް ނިކުމެއުޅުނު ބަންގްލާދޭޝް މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ


ހއ. ތުރާކުނާ ހަ މޭލު ބޭރުގައި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގައި ހުރި ބަންގްލާދޭޝް މީހަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

ހއ. ތުރާކުނު ކައުންސިލްގެ ނައިބު ރައީސް ޠާހާ ޢަލީ ވިދާޅުވީ އއ. ތޮއްޑޫ، ނަޞްރު 2 ދޯނިން މަހަށް ނިކުމެ އުޅެނިކޮށް ކުއްލިގޮތަކަށް މަރުވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މަރުވި މީހާގެ އިތުރުން ނުވަ މީހުން އެ ދޯނީގައި ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ. މިއެންމެންގެ ޙާލު ރަގަޅުކަމަށް މަޢުލޫމާތު ލިބެއެވެ.

ހއ. ތުރާކުނު ކައުންސިލްގެ ނައިބު ރައީސް ޠާހާ ޢަލީ ވިދާޅުވީ ބަންގްލާދޭޝް މި މީހާ އެ ރަށު ޞިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. އަދި އެ އޮޑީގައި ތިބި މީހުންނާ ޙަވާލާދީ ޠާހާ ވިދާޅުވީ މަރުވުމުގެ ކުރިން އެނާގެ މެއަށް ތަދެއް އަރައިގެން ދޯނި ތެރެއަށް ވެއްޓުނު ކަމަށެވެ.

މަރުވި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަޚަމެއް ފާހަގަ ނުވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނާކަމަށް ޠާހާ ވިދާޅުވި އެވެ. އަދި އޭނާ ޕާސްޕޯޓާއި އެހެނިހެން އެއްވެސް ލިޔުމެއް ދޯނީގައި ނެތުމުން މިހާރު އެ އެއްޗެހި ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ކައުންސިލްގެ ނާއިބްރައީސް ވިދާޅުވި އެވެ.