ޚަބަރު

ރ.މަޑުއްވަރީ އާއި އިހަވަންދޫ ބަނދަރު ހަދަން އެމްޓީސީސީއާއި ހަވާލުކޮށްފި


ރ.މަޑުއްވަރީގައި އާ ބަނދަރެއް ހެދުމާއި ހއ. އިހަވަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރިގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހްއެވެ.

މި އެއްބަސްވުމުގެ ދަށުން ރ.މަޑުއްވަރީގައި ހެދުމަށް ހަމަޖެހިފައިވަނީ 1200 ފޫޓުގެ ބަނދަރެކެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މަޑުއްވަރީ ދެކުނު ފަރާތުގައި އިތުރު ބަނދަރެއް ހަދަން ނިންމީ މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރު ހަލާކުވެ، މިހާރަށްވުރެ ޒަމާނީ ބަނދަރެއްގެ ބޭނުންޖެހިފައިވާތީކަމަށެވެ.

މި މަޝްރޫޢުއަށް ސަރުކާރުން 68.7 ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ. މަޝްރޫޢުގެ ދަށުން ކޮންކްރީޓް އެލް ބްލޮކްޖަހައި އެއްގަމު ތޮށި ލުމާއި، ބޮޑުހިލަ ޖެހުމާއި، ނެރު ބައްތި ޖެހުމާއި، އެއްގަމުތޮށި ވަށައިގެން ޕޭވްމަންޓް ހަދައި ލައިޓް ހަރުކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް 1 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ހއ.އިހަަންދޫ ބަނދަރު ބޮޑުކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 51.7 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގެ އެއްގަމު ތޮށި ބޮޑުކުރުމާއި، ބަނދަރުގެ ބޭރު ތޮށި އިތުރަށް ބޭރަށް ޖެއްސުން ހިމެނެއެވެ. މި މަސައްކަތް 1 އަހަރާއި 1 މަސްދުވަހުގެ ތެރޭގައި ނިންމާ ސަރުކާރާއި ހަވާލުކުރަންޖެހެއެވެ.