ޚަބަރު

ނޫސްވެރިކަމުގެ އެވޯޑް ޙަފްލާ ސެޕްޓެމްބަރު 15ގައި


މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އެވޯޑް ޙަފްލާ އަންނަ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެފައިވަނީ އެކި ކެޓަގަރީތަކުން 40 ފަރާތެއް މި އެވޯޑަށް ކުރިއަތިލާފައިވާކަމަށެވެ.

މިފަހަރުގެ އެވޯޑް ޕްރިންޓް/އޮންލައިން މީޑިއާއާއި، ބްރޮޑްކާސްޓިންގ ދާއިރާއަށް ވަކިން ދިނުމަށް ހަމަޖެހިފައިވާއިރު، 13 ކެޓަގަރީއަކުން އެވޯޑް ދޭނެއެވެ. މީޑިއާ ކައުންސިލުން ވިދާޅުވީ އެންމެ އުންމީދީ ނޫސްވރިޔާގެ އެވޯޑަށް 5 ފަރާތަކުން ކުރިމަަތިލާފައިވާކަމަށެވެ. މީޑިއާ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު އާޒިފް ވިދާޅުވީ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބާގައި ދޭ ޚާއްސަ އިނާމަށް 29 ފަރާތަކުން މިފަހަރު ކުރިމަތިލާފައިވާކަމަށެވެ.

"ޚާއްސަ އިނާމުގައި ހިމެނެނީ ނޫސްވެރިކަމުގެ ރަން ގަލަން، ނޫސްވެރިކަމުގެ އަލިމަލް ގަލަން، އަދި ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން. މިއެވޯޑުތަކަށް ކުރިމަތިލީ މީހުން ތެރެއިން ޝަރުތު ހަމަވާ އެންމެނަށް އެވޯޑް ދޭނެ" އާޒިފް ވިދާޅުވިއެވެ.

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އިޖްތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ވިޔަފާރި، ކުޅިވަރު، ފޮޓޯ ގްރަފީ، ވީޑިއޯ ގްރަފީ އަދި ފީޗަރގެ ދާއިރާހިމެނެއެވެ. މީޑިއާ ކައުންސިލްގެ މެންބަރު އަޙްމަދު ޖަދުޢާން ވިދާޅުވީ އެވޯޑަށް މީހަށް ހޮވުމުގެ ކަންކަން ކުރިއަށްދަނީ އެންމެ އިންސާފުވެރިކޮށް ދެފުށް ފެންނަގޮތަށްކަމަށެވެ.

"ކައުންސިލުން އަމިއްލައަށް ވަކި މީހަކު ނުހޮވަން. މަސައްކަތް ބެލުމަށްޓަރަކައި ދިރާސާކޮށް، އިންޓަވިއުކޮށް، އާކައިވް މަޢުލޫމާތުވެސް ހޯދައި ބެލުމަށްފަހު ޚާއްސަ އިނާމުގެ އެވޯޑް ލިބޭމީހުން ކަނޑައަޅަނީ." ޖަދުޢާން ވިދާޅުވިއެވެ.

މީޑިއާ ކައުންސިލުންދަނީ މިފަހަރުގެ އެވޯޑް ޙަފްލާއަކީ މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ޙަފްލާއަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މި އެވޯޑް އޮންނަނީ އަން މަހުގެ 15ވަނަ ދުވަހުގެ ރޭ 09:00ގައި ދަރުބާރުގޭގައެވެ.