ޚަބަރު

ކޮލެޖުތަކުގެ ޓީޗިންގ ކޯސްތަކުގެ މޮޑިއުލްތައް އާ މަންޙަޖަށް ތައްޔާރުކުރުމަށް މަޝްވަރާ ފަށައިފި


ކޯލެޖުތަކުންނާއި ޔުނިވަރސިޓީތަކުން ދަސްވެނިވާ މުދައްރިސުންނަކީ ޤައުމީ އާ މަންޙަޖަށް ކިޔަވައިދިނުމުގެ ޤާބިލުކަމާއި ހުނަރު ލިބިގެން ދާއިރާއަށް ނިކުންނަ ބަޔަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީއިން މަސައްކަތް ފަށްޓަވައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން މިހާރުވަނީ މިކަމުގެ މަޝްވަރާތައް ފަށްޓަވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ އާ މަންޙަޖަށް ބަދަލުވިއިރު އެކަމުގެ ތަޢުލީމާއި ހުނަރުތައް ޓީޗަރުންގެ ކުޑަކަމަށެވެ.

އާ މަންޙަޖަށް ކިޔަވައިދޭން ފެށީ 4 ކީ ސްޓޭޖަށް ގްރޭޑްތައް ބަހާލައިގެން، އެކި އަހަރު އެކި ސްޓޭޖްތައް އާ މަންޙަޖަށް ބަދަލުކުރަމުންނެވެ. އަލަށް ކިޔަވައިދޭން ފެށި މަންޙަޖުގައި ފޮތްތަކާއި، ކްލާހުގައި ފިލާވަޅު ނަގައިދޭ ގޮތާއި، ދަރިވަރަށް ޙާސިލްވާންޖެހޭ ކަންކަމާއި، އެކަންކަން މިން ކުރާނެގޮތްތައް ވަރަށް ބޮޑަށް ތަފާތެވެ. މިކަމުގެ ދަތިކަން އެންމެ ބޮޑަށް ދިމާވާ ބަޔަކީ މުދައްރިސުންނެވެ.

މިކަން ޙައްލުކޮށް މުދައްރިސުންނަށްކީ އެކަށީގެން ތަމްރީން ލިބިގެން ކިޔަވައިދިނުމުގެ މާޙައުލަށް ނިކުންނަ ބަޔަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީއިންވަނީ މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެގޮތުން އެންމެ އިސްކަންދީގެން ފަށްޓަވާފައިވާ އެއް މަސައްކަތަކީ ކޮލެޖުތަކުގައި ކިޔަވައިދޭ ޓީޗިން ކޯސްތައް އާ މަންޙަޖަށް ބަލައިގެން ފަރުމާކުރުމުގެ މަސައްކަތެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ މިކަން މީގެކުރިން ރަސްމީ ސިފައެއްގައި ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ. ނަމަވެސް މިހާރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއިއެކު މަޝްވަރާތައް ފަށާފައިވާކަަމަށް އޭނާ ވިދާޅުވިއެވެ. ޢަބްދުﷲ ރަޝީދު ވިދާޅުވީ އާ މަންޙަޖާއިއެކު އައި ބަދަލުތައް ތަންފީޒްކުރެވޭނީ، އަލަށް ދަސްވެނިވާ ޓީޗަރުންނަކީ މުޤައްރަރާއި މަންޙަޖަށް ފަރިތަ ބަޔަކަށް ހަދައިގެންކަމަށެވެ.

"ޓީޗިން ކޯސްތަކުގެ މޮޑިއުލްތައް އެމްކިއުއޭއިން އެޕްރޫވްކުރާއިރު މިކަންކަމަށް ބެލުމަށް މަޝްވަރާކުރަމުންދަނީ. އެގޮތުން ކޯސް ބައްޓަންކުރުމާއި މޮޑިއުލަތްތަކީ މަންޙަޖުގައި ހުރި ކަންކަން ޙާސިލްވާނެހެން ތައްޔާރުކުރާ އެއްޗަކަށް ހަދާނަން." ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އާ މަންޙަޖަށް ޢަމަލުކުރަން ފެށުމަށް ބޭނުންވާ ތަމްރީން ނެތުމުގެ ސަބަބުން އެކަމުގެ ދަތިކަން ޓީޗަރުންނާއި ދަރިވަރުންނަށްވެދަނީ ކުރިމަތިވަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީއިން މިހާރުވަނީ އާ މަންޙަޖު އަލުން މުރާޖާ ކުރުމުގެ މަސައްކަތް ކެމްބްރިޖް ޔުނިވަރސިޓީއާއި ގުޅިގެން ފަށާފައެވެ. އެގޮތުން 2020ވަނަ އަހަރު މަންޙަޖު މުރާޖާ ކުރުމުގެ މަސައްކަތް ނިންމައި، ބަދަލު ގެންނަންޖެހޭނަމަ އެ ބަދަލުތައް ގެންނާނެކަމަށް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.