ތަރައްްޤީ

ބްރިޖް އިންޓަރކަނެކްޝަންގެ މަސައްކަތް، އަންނައަހަރު މުޅިން ނިންމާލެވޭނެ - މުޣުނީ


އިންޓަރ-ކަނެކްޝަން ކޭބަލް އެޅުމުގެ މަސައްކަތް ނިންމައި އަންނައަހަރުގެ މެދުތެރޭ މާލެ، ހުޅުލެ، ހުޅުމާލޭގެ ޕަވަރގްރިޑް އެއްކޮށް ގުޅުވާލެވޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޑެޓް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވެ، މިސަރަޙައްދުގެ ކަރަންޓް ޔޫސޭޖް އިތުރުވަމުން ދިއުމާއެކު، ޑިމާންޑާއި އެއްވަރަށް ޚިދުމަތް ދިނުމަށްޓަކާ ސްޓެލްކޯއިން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތަކީ މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މެދުވެރިކޮށް، މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް ވިއުގާ ގުޅާލުމުގެ މަސައްކަތެވެ. މިއީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ކަރަންޓް ވިއުގަ ގުޅާލުމަށްޓަކާ ބޭނުންވާ ސަބްސްޓޭޝަންތައް ހެދުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން މާލެ، ހުޅުލެ އަދި ހުޅުމާލޭގައި ސަބްސްޓޭޝަންތަކެއް ހެދުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މި ސަބްސްޓޭޝަންތަކަކީ ޓްރާންސްޕޯރމަރުތަކެއްގެ އެހީގައި އެއްތަނުން އަނެއްތަނަށް ކަރަންޓް ދޫކުރުމަށް ހަދާ ސަބްސްޓޭޝަންތަކެކެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، މާލޭގައި ހަދާ ސަބްސްޓޭޝަންގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، ހުޅުމާލެއަށް ބޭނުންވާ ސަބްސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

"އިންޓަރކަނެކްޝަން ކޭބަލް އެޅުމަށްޓަކާ 3 ސަބްސްޓޭޝަނެއް ހެދުމަށް މިވަނީ ހަމަޖެހިފައި. އޭގެ ތެރެއިން މާލޭގެ ސަބްސްޓޭޝަންގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށް އެބަދޭ. ހުޅުމާލޭގެ ސަބްސްޓޭޝަންގެ ފައުންޑޭޝަންގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައި. ހަމައެހެންމެ ހުޅުލޭގެ ސަބްސްޓޭޝަންގެ މަސައްކަތްވެސް މިދަނީ ކުރަމުން." މުޣުނީ ވިދާޅުވިއެވެ.

އިންޓަރކަނެކްޝަން ކޭބަލް މެދުވެރިކޮށް މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް ވިއުގާ ގުޅުވާލެވިގެންދާއިރު، މި 3 ސަރަޙައްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކާ މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކުރަނީ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަލަށް އިމާރާތްކޮށްފައިވާ 50 މެގަވޮޓުގެ އައު އިންޖީނުގެއެވެ. މުޣުނީ ވިދާޅުވީ، ސަބްސްޓޭޝަންގެ މަސައްކަތް ނިންމާ، ބްރިޖުގައި އިންޓަރކަނެކްޝަން ކޭބަލް އެޅުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެކަމަށެވެ.

"ބްރިޖު މެދުވެރިކޮށް މިކުރާ މަސައްކަތްތައް ފެށިގެންދާނެ މިއަހަރުގެ ފަހުކޮޅު. އިރާދަކުރެއްވިއްޔާ އަންނައަހަރުގެ މެދުތެރޭ އިންޓަރކަނެކްޝަންގެ ޢަމަލީ މަސައްކަތް ނިމިގެންދާނެ. އެއަށްފަހު މި ކޭބަލް މެދުވެރިކޮށް މާލެ، ހުޅުލެ އަދި ހުޅުމާލޭއަށް ކަރަންޓުގެ ޚިދުމަތްދެވިގެންދާނެ." މުޣުނީ ވިދާޅުވިއެވެ.

އިންޓަަރކަނެކްޝަން ކޭބަލްއާއެކު ގްރޭޓަރ މާލޭ ސަރަޙައްދުގެ ޕަވަރ ނެޓްވޯކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެގޮތުން މިކޭބަލް މެދުވެރިކޮށް މާލެއާއި ހުޅުމާލެއާ ދެމެދު 50 މެގަވޮޓުގެ ކަރަންޓް ޓްރާންސްފަރކުރެވިގެންދާއިރު، 100 މެގަވޮޓާއި ހަމައަށް ކަރަންޓް ޓްރާންސްފަރކުރުމުގެ ޤާބިލުކަން މިކޭބަލަށް ލިބިގެންވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

"މި ޕްރޮޖެކްޓް ނިމުމާއެކު އަޅުގަނޑުމެންނަށް ކެރީއިންގ ކެޕޭސިޓީއަށް 50 މެގަވޮޓު އިތުރުވެ، މާލެ، ހުޅުލެ އަދި ހުޅުމާލޭއާއި ދެމެދު ޓްރާންސްފަރ ކުރެވިގެންދާނެ. މިކޭބަލްގެ ކެޕޭސިޓީއަކީ 100 މެގަވޮޓު. މާނައަކީ 100 މެގަވޮޓާ ހަމައަށް އަޅުގަނޑުމެންނަށް އެއްކޮޅުން އަނެއްކޮޅަށް ކަރަންޓް ޓްރާންސްފަރ ކުރެވޭނެއޭ." މުޣުނީ ވިދާޅުވިއެވެ.

މި މަޝްރޫޢާއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ލުއިފަސޭހަވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް ޖަނަރޭޓަރުތައް އޯވަރލޯޑުވެގެން ކަރަންޓު ކެނޑޭކެނޑުން ނިމުމަކަށް އައިސް، ޕަވަރ ޝޯޓޭޖެއް އަތުވެއްޖެ ޙާލަތެއްގައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓު އަނބުރާ ފޯރުކޮށްދެވޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.

އިންޓަރކަނެކްޝަން ކޭބަލް ގުޅާލާ މައި އިންޖީނުގޭގެ މަސައްކަތް ނިމި، އެތަނުގައި ބަހައްޓާފައިވާ އިންޖީނުތައްވަނީ ޓެސްޓުކޮށް ނިންމާފައެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު، ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަލަށް ހަދާފައިވާ އިންޖީނުގޭގައި އެއްފަހަރާ 8.9 މެގަވޮޓުގެ ކަރަންޓް އުފައްދާ 6 ޖަނެރޭޓަރު ވަނީ ބަހައްޓާފައެވެ.