ބާލިންގ މެރަތަންގައި ޓްރެކް އެންޑް ފިލްޑް އެސޯސިއޭޝަންގެ 2 އެތުލީޓަކު ބައިވެރި ކުރުމަށް ނިންމައިފިއެވެ.
ދުނިޔޭގެ ހުރިހާ ޤައުމަކަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ޖަރުމަންގެ ބާލިންގައި ބާއްވަމުންދާ މި ދުވަމަކީ ވަރަށް ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވާ ދުވުމެކެވެ. މި މެރަތަންގައި ރާއްޖޭގެ ޓްރެކް އެންޑް ފިލްޑް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވުމަށް ހަމަޖެހިފައިވަނީ އަހުމަދު ޝައްމޫން ޝަމީމްއާއި، ހުސްނާ މުހައްމަދުއެވެ. މި ދެ ދުވުންތެރިންގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އަބްދުﷲ އިބްރާހިމްއެވެ.
ރާއްޖޭގައި އާންމުކޮށް ބާއްވާ ދިގު ދުވުންތަކުގައި ބައިވެރި ކުރިއެރުންތަކެއް ހޯދާފައިވާ ދެ ދުވުންތެރިންނަކީ ޓީއެފްޖީއާއި ދިރާގު ރޯޑްރަންފަދަ ރަންތަކުގައި ބައިވެރިވެ ރަގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ދެ ދުވުންތެރިން. ޝައްމޫނާއި، ހުސްނާގެ ކޯޗް އަބްދުﷲ އިބްރާހިމް ވިދާޅުވީ މީގެ ކުރިން މި ދެ އެތުލީޓުން މުޅިންވެސްދުވެފައިވަނީ ހާފް މެރަތަންގައިކަމަށެވެ. ނަމަވެސް ބާލިންގައި އޮންނަ މެރަތަންގައި މިދެ ދުވުންތެރިން ވާދަކުރާނީ މެރަތަންއެއްގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓްރެކްއެންޑް ފިލްޑް އެސޯސިއޭޝަން އަކީ ދިގު ދުވުމަށް ޙާއްސަކޮށްގެން މީހުން ތައްޔާރު ކުރުމަށް އުފައްދާފައިވާ އެސޯސިއޭޝަނެކެވެ. މިހާރުވެސް އެކި މުބާރާތްތަކާއި، ދުވުންތަކަށް ތައްޔާރުވުމަށްޓަކައި 20 އެތުލީޓުން ތައްޔާރު ކުރަމުންދާކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ. ޓްރެކްއެންޑް ފިލްޑް އެސޯސިއޭޝަނުން ރާއްޖޭގައި ބާއްވާ ގިނަ އެތުލެޓިކްސް އިވެންޓްތަކުގައި ބައިވެރިވެ ގިނަ ރެކޯޑްތަކެއް ވަނީ ހަދާފައެވެ.