ގދ. ތިނަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެރަށަށް 1000 ކިލޯ ވޯޓުގެ އައު ޖަނެރޭޓަރު ސެޓެއް ގެނެސް އިންސްޓޯލް ކުރަން ފަށައިފިއެވެ.
މި ޖަނެރޭޓަރު ތިނަދޫއަށް ގެނެސްފައިވަނީ އިއްޔެ އެވެ. އަދި އެ ޖަނެރޭޓަރު އިންޖީނުގެއަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ފެނަކަ ތިނަދޫ ބްރާންޗުން މައުލޫމާތު ދިން ގޮތުގައި އިންސްޓޯލް ކުރުމަށްފަހު އެ ޖަނެރޭޓަރުން ކަރަންޓު ފޯރުކޮށްދޭން އަދި ދުވަސްކޮޅެއް ނަގާނެ އެވެ.
ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ފެނަކަ ތިނަދޫ ބްރާންޗުގެ މެނޭޖަރ، އަލްމާސް ޒުހައިރު ވިދާޅުވީ ޖަނެރޭޓަރު ތިނަދޫއަށް ގެނެވުނު ނަމަވެސް އަދި އެއަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެ ނާންނަކަމަށެވެ. އެގޮތުން ޖަނެރޭޓަރުގެ ރޭޑިއޭޓަރާއި އަދި އެހެނިހެން ބައެއް ސާމާނުވެސް ރާއްޖެ ނާންނަ ކަމަށް . އަދި އެ ތަކެތި ލިބި، ޖަނެރޭޓަރުން ކަރަންޓު ފޯރުކޮށްދޭން ދެ މަސް ދުވަހާއި ތިން މަސް ދުވަހުގެ މުއްދަތެއް ނަގާނެ އެވެ.
2016 ވަނަ އަހަރު ތިނަދޫ އިންޖީނުގޭގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާއަށްފަހު ދޭތެރެ ދޭތެރެއިން ކަރަންޓު ކެޑުމުގެ މައްސަލަ ކުރިމަތިވެއެވެ. ކަރަންޓު ކެނޑެން މެދުވެރިވާ ސަބަބަކީ ގޭބިސީތަކަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދި ޖަނެރޭޓަރުތަކަށް ލޯޑު ބޮޑު ވުމެވެ.
ތިނަދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުންދަނީ 1.2 މެގަވޯޓްގެ ޖަނެރޭޓަރަކާއި، 1 މެގަވޯޓްގެ ދެ ޖަނެރޭޓަރާއި 700 ކިލޯ ވޯޓުގެ ޖަނެރޭޓަރެކެވެ. މި ޖަނެރޭޓަރުތަކުން މުޅި ތިނަދޫއަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ފަހަރުވެސް އާދެއެވެ. އެގޮތުން ފަހަކަށް އައިސް ހޫނު ގަދަވުމާ ގުޅިގެން ދޭތެރެ ދޭތެރެއިން ދެގަޑިއިރު ތިނަދޫގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭ މައްސަލަ އަކީ އާންމު މައްސަލައެކެވެ.