ވިޔަފާރި

ތިނަދޫގައި ސިނާއީ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ


ގދ. ތިނަދޫގައި ސިނާއީ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލުގް ނައިބް ރައީސް، ރިޔާޒް ރަޝީދު ވިދާޅުވީ އެފަދަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ ވިޔަފާރިތައް ތަރައްޤީ ކުރުމަށް ކައުންސިލުން ކުރެވެން ހުރި ކަންކަން ޕްލޭން ކުރުމަށްޓަކައި އިދާރީ ބައެއް ކަންކަމަށް އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ބޭނުންވާތީ ކަމަށެވެ.

"މިސާލަކަށް ވިޔަފާރި ބޭނުމަށް ބިން ދޫކުރާއިރު އެފަދަ ވިޔަފާރި ކުރަނީ ކޮންކޮން ބައެއްތޯ ބަލައި ޕްލޭން ކުރަން ކައުންސިލަށް އޭރުން ފަސޭހަވެގެންދާނެ. އިދާރީ ގޮތުން ކައުންސިލަށް އޭރުން ފަސޭހަތަކެއް ލިބިގެންދާނެ،" ރިޔާޒް ވިދާޅުވިއެވެ.

ތިނަދޫގައި ކުރަމުން އަންނަ ސިނާއީ މަސައްކަތްތަކުގެ ތެރޭގައި މައިގަނޑު ހަ ވައްތަރެއްގެ ވިޔަފާރިއެއް ހިމެނެއެވެ. އެއީ:

  • 1. މަގު ކޮންނަ ފަރާތްތައް
  • 2. ގައު އަޅާ ފަރާތްތައް
  • 3. ދޮންވެލި ނަގާ ފަރާތްތައް
  • 4. މަގުމަތީގައި ކޭބަލް ވަޅުލާ ފަރާތްތައް
  • 5. ކުދި މަހުގެ ވިޔަފާރި ކުރާ ފަރާތްތައް
  • 6. ގެސްޓްހައުސް ހިންގާ ފަރާތްތައް

އެ ކައުންސިލުން ކުރި އިޢުލާނުގައިިވާ ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު، އަންނަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް، އެރަށުގައި އެ މަސައްކަތް ކުރަމުން އަންނަ ކަމުގެ ލިއުމެއް ހަވާލުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ތިނަދޫ ކައުންސިލުން މިފަދަ ކަމެއް ކުރުމަށް ނިންމާފައިވާއިރު އެރަށުގައި މިފަދަ ކުދި ވިޔަފާރިތައް ގިނަކަން ފާހަގަކުރެވެއެވެ.