ޓުއަރިޒަމް

ރިސޯޓް ހެދުމަށް ދޫކުރާ ރަށްތަކުގެ މައުލޫމާތު އޮކްޓޯބަރުމަހު ހާމަކުރަނީ


ރިސޯޓް ހެދުމަށް ދޫކުރާ ރަށްތަކުގެ މައުލޫމާތު އޮކްޓޯބަރުމަހުގެ ތެރޭގައި ޢިއުލާންކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިއަހަރު ޓޫރިޒަމަށް ދޫކުރާ ރަށްތަކާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއަށް އިކޮނޮމިކް ކައުންސިލްގެ ލަފާ ލިބިފައިވާ ކަމަށެވެ. އަމާޒަކީ އޮކްޓޫބަރުމަހުގެ ތެރޭގައި އެ ރަށްތަކުގެ މައުލޫމާތުތައް ހާމަކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމަށް ދޫކުރާ ކޮންމެ ރަށެއްގައި އެންވަޔަރަމަންޓް އެސެސްމެންޓަކާއި ސޯޝިއޯ އިކޮނޮމިކް އެސެސްމެންޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ސަސްޓެއިނަބަލް ޓޫރިޒަމެއް ރާއްޖެއަށް ގެނައުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންސަލްޓެންޓުންގެ ދިރާސާތައް ނިންމުމަށްފަހު، ވޯލްޑް ޓޫރިޒަމް ދުވަހާ ގުޅިގެން އޮކްޓޯބަރ 4 ގައި ބާއްވާ ބޮޑު ހަފްލާގައި އެ ރަށްތަކުގެ ތަފްސީލުތައް އިއުލާނު ކުރާނެކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މި ރަށްތައް ކަނޑައަޅާއިރު، ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ޓޫރިޒަމް ފުޅާކުރަން ޖެހޭ ސަރަހައްދުތަކަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި އަލަށް ކަނޑައަޅާ ރިސޯޓުތަކުގެ ގޮތުގައި މާލެ ސަރަހައްދުގެ އެއްވެސް ރަށެއް ނުހިމެނޭކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.