ޚަބަރު

ތަޢުލީމް ޙާޞިލް ކުރަން ޑިންގީއެއްގައި ފަޅެއް ހުރަސްކޮށް ކުރާ ދަތުރުގެ ޙަޤީޤަތް


ގަދަވަޔައި ބޯވާރޭ ތެރޭގައި އަޅުގަނޑު މި ދަތުރު ފަށަނީ ފެހެންދޫން ގޮއިދޫއަށް ދިއުމަށެވެ. ގޮއިދޫ ސުކޫލްގައި ތަޢުލީމް ޙާޞިލްކުރާ ފެހެންދޫގެ 26 ދަރިވަރުން ބަލައެވެ. ކުޑަ ކުދިންތަކެއް ގޮވައިގެން ވިއްސާރައާ ތެމިގެން ވިއްސާހާ ލޮނެއްގައި ކޮންމެ ދުވަހަކު ދަތުރު ކުރުން މިއީ ރާއްޖެއަށް ވަރަށް އައު ކަމެއް ނަމަވެސް 2008ވަނަ އަހަރުން ފެށިގެން ފެހެންދޫ ކުދިން ތަޢުލީމް ޙާޞިލުކުރުމަށް މި ދަތުރު ކުރާކަން ފާހަގަކޮށްލެވެއެވެ.

ގޮއިދޫ ސްކޫލްގައި ތަޢުލީމް ޙާޞިލްކުރާ ފެހެންދޫގެ 26 ކުދިންނަކީ ހިތްވަރުގަދަ ކުދިންތަކެކެވެ. މި ކުދިން ބުނާގޮތުގައި މި ދަތުރަށް އެ ކުދިން ތިބީ ފަރިތަވެފައެވެ. ''ބިރެއްނެތް, ފަތަންވެސް އެނގޭ، ދިޔަވަރު ހިކިއްޖެނަމަ މޫދަށް ފައިބައިގެން ޑިންގީ ފުން ކޮށްގެންވެސް ހުންނާނީ އެ ރަށަށް ގޮސްފަ،'' މިއީ މި ދަރިވަރުންނާ ވާހަކަ ދައްކާލުމުން ހާސްކަމެއް ނެތި ދިން ޖަވާބެވެ.

މި ދަރިވަރުންގެ ބެލެނިވެރިން ބުނީ ދަރިވަރުންނަށް ތަޢުލީމް ޙާޞިލްކޮށްދިނުމަށް ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވާން ތައްޔާރަށް ތިބި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ފެހެންދޫ ސްކޫލް ބަންދުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ދަތުރުކުރަމުންދާ ބެލެނިވެރިން މިއަދުވެސް މިގޮތަށް ދަނީ ދަތުރުކުރަމުންނެވެ. އަދި އެންމެ ފާހަގަކުރެވުނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ގޮވައިގެން ހާސްކަމެއް ނެތި މި ކުޑަކުޑަ ޑިންގީގައި ކޮންމެ ދުވަހަކު ބެލެނިވެރިން ކުރަންޖެހޭ ދަތުރެވެ. މި ކުދިން ދަތުރު ކުރާ ފެރީއޭ މިކިޔާ ޑިންގީގެ ޙާލަތު ވަރަށް ދެރައެވެ. ޑިންގީގެ ބިތުގައި ޖަހާފައި ހުރި ސަތަރި ތައް ހުރީ ހަލާކުވެފައެވެ.

ފެރީގެ ނިޒާމް ހަރުދަނާ ކުރުމަށް ފެހެންދޫ ކައުންސިލުންވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގެ ސަމާލުކަމަށް މިކަންވަނީ ގެނަސްފައިކަމަށްވެއެވެ. ދާދިފަހުން ފެހެންދޫ ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާވެސް ބައްދަލު ކުރައްވައި މިކަން ހިއްސާކޮށްފައެވެ. ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ ކުދިން ކިޔަވަން ގޮއިދޫއަށް ދިއުމަށް ބޮޑު ފެރީއެއް ބަނުމަށް މިހާރު ފަށާފައިވާކަމަށެވެ.

ވިއްސާރަ ދުވަހެއްގައި މި ކުދިންނާ ބެލެނިވެރިން ދަރިންނަށް ތައުލީމް ފޯރުކޮށްދިނުމުގައި އުޅޭގޮތް ވަރަށް ކައިރިން ބަލައިލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. ބެލެނިވެރިން ތެމިގެން ފެހެންދޫން ގޮއިދޫއަށް ގޮސް އެ ކުދިން ސްކޫލް ނިމުމުން ގޮވައިގެންދާ ކޮންމެ ދުވަހަކީ ހިތަށް ނުގެނެވޭފަދަ ފުންއަސަރުތަކެއް ކުރުވިކަމެކެވެ. ކުޑަ ކުދިންތަކެއް ގޮވައިގެން ވިއްސާރައާ ތެމިގެން ވިއްސާހާ ލޮނެއްގައި ދަތުރުކުރާތާ މިހާރު 13ވަރަކަށް އަހަރުވެދާނެއެވެ. މިއީ މިހާތަނަށް ޙައްލު ނުކުރެވުނު ނަމަވެސް ޙައްލެއް ހޯދަން މަޖްބޫރުވެފައިވާ ސީރިއަސް ބޮޑު މައްސަލައެކެވެ.

ބެލެނިވެރިން ބުނީ ދަރިންގެ މުސްތަޤުބަލަށް ކޮންމެހެން ކުރަންޖެހޭތީ މިކަން ކުރަނީކަމަށެވެ. އަދި ކޮންމެ ދުވަހަކު ކުދިން ގޮވައިގެން ހެނދުނު ހެނދުނާ ގޮސް، ނިމޭ ގަޑިއަށް ބަލާ ގޮސް އިންޓަވަލް ގަޑީގެ ކެއުން ގޮއިދޫއިން ހަމަޖެއްސުމަކީ ފަސޭހަކަމެއް ނޫންކަމަށް ބެލެނިވެރިން ބުންޏެވެ. އަދި މިކަމަށް ޙައްލު ލިބި ފެރީގެ ފަސޭހަ ނިޒާމެއް ޤާއިމްވެގެން ދިއުމަކީ ބެލެނިވެރިން އަބަދުވެސް ދެކޭ ހުވަފެނެކެވެ.

ފެހެންދޫ ސްކޫލް ކުދިން ގޮއިދޫ ސްކޫލަށް ކިޔަވަން ދާންފަށާފައިވަނީ 2008ވަނަ އަހަރުން ފެށިގެންނެވެ. އެއީ ފެހެންދޫ ސްކޫލް ބަންދު ކުރުމާގުޅިގެންނެވެ. ފެހެންދޫ ސްކޫލް ބަންދު ކުރުމުން ފުރަތަމަ ދަތުރު ކުރީ ބެލެނިވެރިންނާ ރަށުގެ އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ. އޭގެ ދުވަސްތަކެއް ފަހުން ކައުންސިލުގެ ސަމާލުކަމަށް މިކަން އައިސް ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް މިކަން ގެނެސް، ދަތުރު ކުރުމަށް ލުއި ގޮތެއް ހޯދައިދިނެވެ.

މީގެ ކުރިން މި ޚިދުމަތް ދެމުން އައީ ފެހެންދޫ ރައްޔިތުން އަމިއްލައަށެވެ. އެއަށްފަހު، ފެހެންދޫ ކައުންސިލުން ސްކޫލް ފެރީގެ ނަމުގައި ދަތުރު ކުރުމަށްފަހު 2016ވަނަ އަހަރުގެ ޖުލައި މަހުގެ 1ވަނަ ދުވަހު ވަނީ ކައުންސިލުން ފެރީގެ ޚިދުމަތް ދިނުން ހުއްޓާލާފައެވެ.

މިހާރު ދަތުރު ކުރުމަށް ގެންގުޅޭ ޑިންގީއަކީ ޢާއްމު ފަރާތެއްގެ އެހީތެރިކަމާއެކު ފޯރުކޮށްދީގެން ގޮއިދޫ ސުކޫލްގެ ބެލުމުގެ ދަށުން އެ ސްކޫލްގެ ޕީޓީއޭއިން ފޯރުކޮށްދޭ ޚިދުމަތެކެވެ. މިއިން ކޮންމެ ކުއްޖަކަށް ކޮންމެ މަހަކު ދަތުރު އެލަވަންސްއެއްގެ ގޮތުގައި 1،000 ރުފިޔާ ތަޢުލީމާބެހޭ ވުޒާރާއިން ފޯރުކޮށްދެވައެވެ.

މި ކުދިންނަށް އިތުރު ލުއި ގޮތްތަކެއް ހޯއްދަވާދެއްވުމަށް 30 ކުދިން އުފުލޭ ވަރުގެ ފެރީއެއް ބަނުމުގެ މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.