އަތޮޅުތައް

3 މަޝްރޫޢަކަށް ބޭނުންވާ ފައިސާގެ އެހީ ހޯމް މިނިސްޓްރީން ދެއްވައިފި


ތިން ރަށެއްގެ ކައުންސިލުން ހިންގަން ބޭނުންވާ ތިން މަޝްރޫޢަކަށް ފައިސާގެ އެހީ، ހޯމް މިނިސްޓްރީން ހަމަޖައްސަވައިދެއްވައިފިއެވެ.

ހޯމް މިނިސްޓްރީން ފައިސާގެ އެހީ ހަމަޖައްސަވައިދެއްވާފައިވަނީ ރ.ކިނޮޅަހުގައި ހިތްފަސޭހަ މައިޒާނެއް ހެދުމަށާއި، ހދ.ވައިކަރަދޫ ޤަބުރުސްތާނު ވަށާފާރު ރޭނުމަށާއި ރ.އަނގޮޅިތީމުގައި މަގުބައްތި ޖެހުމަށެވެ.
ރ.ކިނޮޅަހުގައި "ބަޠޫޠާ މަންޒިލް"ގެ ނަމުގައި ތަރައްޤީކުރާ ހިތްފަސޭހަ މައިޒާނުގެ މަސައްކަތަށް ދެލައްކަ ނުވަދިހަ އަށްހާހަށްވުރެ ގިނަ ރުފިޔާގެ ފައިސާގެ އެހީ ދީފައިވާއިރު، ހދ.ވައިކަރަދޫ ޤަބުރުސްތާނު ވަށާފާރު ރޭނުމަށް ތިންލައްކަ ރުފިޔާގެ ފައިސާގެ އެހީވަނީ ހަމަޖައްސައިދީފައެވެ. އަދި ރ.އަނގޮޅިތީމުގައި މަގުބައްތި ޖެހުމަށްޓަކާ ދެލައްކަ ނުވަދިހަ ފަސްހާހަށްވުރެ ގިނަ ރުފިޔާގެ ފައިސާގެ އެހީ ހޯމް މިނިސްޓްރީން ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ރަށްރަށުގައި ހުރި އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް، ކައުންސިލްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހޯމް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ސަތާރަ ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް ހަ ރަށަކަށް، މަގުބައްތި ޖެހުމަށް ހަރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް ހަތަރު ރަށަކަށް އަދި ނެރުބައްތި ޖެހުމަށް އެއްރަށަށެވެ. މިރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލްތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.