އައްޑޫސިޓީގެ ތާރު މަގުތައް މަރާމާތު ކުރުމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް ކުރައްވާ މަސަކަތުގެ ދަށުން ބައެއް ސާމާނު އައްޑޫސިޓީއަށް ޖަމާ ކޮށްފިއެވެ.
އައްޑޫސިޓީކައުންސިލް ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވިދާޅުވީ، މި މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުން 200 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށާ، ރާއްޖޭގ އެހެން ސަރަޙައްދަކުން 250 ފީފާ ތާރު ގެނެސްފައިވާ ކަމަށެވެ.
މަގުގެ މަރާމާތަށް ބޭނުންވާ ރޯޑު ސްވީޕަރެއް ގަތުމަށް ނިންމައި، މިސްވީޕަރ ހޯދަން ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށް ވެސް ޔަސްރިފް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ފާހަގަ ކުރައްވާ ގޮތުގައި ތާރުއެޅި މަގުތައް ހަލާކުވެ ވަޅުގަނޑު ހެދޭގޮތް ދިމާވާތީ މިފަދަ ތަންތަން މަރާމާތު ކުރަމުން އަންނަނީ ސިމެންތި އަޅައިގެން ކަމަށްވާތީ ، މިގޮތަށް ސިމެންތި އަޅާ ތަންތަން އަވަހަށް ހަލާކު ވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި މިއީ މިކަމަށް އޮތް ޙައްލެއް ނޫންކަމަށާ މިކަމަށް ދާއިމީ ޙައްލެއް ހޯދަން ޖެހިފައިވާކަމަށް ޑެޕިއުޓީ މޭޔަރ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ އައްޑޫސިޓީގެ މަގު ހެދުމުގެ މަޝްރޫޢު ނިމިގެން ދާއިރު އައްޑޫގެ މަގުތަށް މަރާމާތު ކުރުމުގެ ޤާބިލިއްޔަތުކަން ކައުންސިލުގައި ހުންނާނެ ކަމަށެވެ.
އަޑު: "ސިޓީގެ ތާރު މަގުތަށް މަރާމާތު ކުރުމަށް މިހާރު 250 ފީފާ ތާރު ގެނެސްފައިވަނީ. ތާރު މަގުތަށް ސިމެންތި ކޮންކްރީޓް އަޅާ މަގުތަށް މަރާމާތު ކުރަން ޖެހުނީ، ތާރު ނެތުމުގެ ސަބަބުން . ސިމެންތިން މިހާރު މަރާމާތު ކޮށފައި ހުރި ތަންތަން ވަރަށް އަވަހަށް ހަލާކު ވުމުގެ ފުރުސަތު އެބައޮތް . އެހެން ކަމުން އެތަންތަން ވެސް ދެން މަރާމާތު ކުރާނީ ތާރު ބޭނުން ކޮއްގެން "
މިކަމަށް ދާއިމީ ހައްލެއް ލިބޭނީ، އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ނިމޭއިރު، މަގުތަށް މަރާމާތު ކުރެވޭނެ ވަޞީލަތް ޤާއިމު ކުރެވިގެން ކަމަށާ މިމަޝްރޫއު ނިމޭއިރު އެވަޞީލަތް ޤާއިމު ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ޔަސްރިފް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ތާރު މަގުތަކުގައި ވެލި ހުންނާތީ ވެލި ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދެއެވެ. މިމަސައްކަތް ކުރަމުންދަނީ ކައުންސިލް މުވައްޒަފުންނެވެ.