ޚަބަރު

މެދުކެނޑުމަކަށް ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް ދޭންފަށައިފި


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލޮލުގެ ނަމްބަރު ނެގުމާއި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ޚިދުމަތް ގިނަދުވަސްތަކެއް ވަންދެން މެދު ކެނޑިފައި އޮތުމަށް ފަހު އެޚިދުމަތް އަލުން ދޭން ފަށައިއެވެ.

އެހޮސްޕިޓަލުން ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުން ލޮލުގެ ބަލިތަކަށް ފަރުވާދެމުން ދިޔައީ އިންޑިޔާގެ އަންހެން ޑޮކްޓަރެއް ކަމަށެވެ. މިދިޔަ މޭ މަހުގެ ފަނަރައިން ފެށިގެން އެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ހޮސްޕިޓަލުން ވަނީ ނަމްބަރު ނެގުމާއި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާގެ ޚިދުމަތް މެދުކެނޑިފަ އެވެ.

ޕީ އެސް އެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ވަގުތީގޮތުން ހިންގެވުމާއި ޙަވާލުވެ ހުންނެވި ޚަދީޖާ އަޙްމަދު ވިދާޅުވީ މިހާރު ލޮލުގެ ޑޮކްޓަރުގެ ޚިދުމަތް އެހޮސްޕިޓަލުން މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމަށެވެ.

ޑޮކްޓަރ ޗުއްޓީއަށް ދިއުމުން ޚިދުމަތް މެދުކެނޑޭތީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮފައިވެއެވެ.
މިމައްސަލަ ހައްލުކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.