ޚަބަރު

ކެލާގައި ގަދަހުމެއް ފެތުރެނީ


ހއ.ކެލާގައި ވަރުގަދަ ހުމެއް ފެތުރި، އެރަށު ސިއްޙީ މަރުކަޒުގައިހުރި ހަމައެކަނި ޑޮކްޓަރުވެސް އެޑްމިޓް ކޮށްފިއެވެ.

ކެލާ ސިއްޙީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ އިބްރާހިމް ރުޝްދީ ވިދާޅުވީ، ގަދަޔަށް ހުން އައިސް ހޮނޑުލުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އެރަށުގައި އެންމެ ޑޮކްޓަރެއް ހުންނައިރު ހުންއައިސްގެން އޭނާވެސްވަނީ އެޑްމިޓްކޮށްފައިކަމަށް ރުޝްދީ ވިދާޅުވިއެވެ. ބަލިމީހުން މިހާރު ބަލަމުންދަނީ އެރަށުގައި ހުންނަ ހެލްތް ވޯކަރެވެ.

ރުޝްދީ ވިދާޅުވީ، ހުން އައިސްގެން 10 އަހަރުން ދަށުގެ ދިހަ ވަރަކަށް ކުދިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް. އަދި އޭގެ ތެރެއިން ދެ ކުއްޖަކު އެޑްމިޓްކޮށް ފަރުވާދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ދެން ތިބި ކުދިން އޮބްޒަވޭޝަންގައި ބޭއްވުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ބޮޑެތި މީހުންވެސް ޑޮކްޓަރަށް ދައްކާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަށަށް އިތުރު ޑޮކްޓަރަކު ބޭނުންވާތީ ދިއްދޫ އިން ޑޮކްޓަރަކު ކެލާއަށް ގެންގޮސް މިހާރުދަނީ ޚިދުމަތްދެއްވަމުންކަމަށް ކެލާ ސިއްޙީ މަރުކަޒުން މަޢުލޫމާތުދެއްވައެވެ.