ޚަބަރު

ޕީޖީގެ އިތުބާރުނެތްކަމުގެ މައްސަލާގައި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގައި މަޝްވަރާކޮށްފި


ޕްރޮސެކިއުޓާ ޖެނެރަލް ޢާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވާ މައްސަލައާމެދު ޕީޖީގްރޫޕްގައި މަޝްވަރާކޮށްފައިވާކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށަހެޅިފައިވާ ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސައާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ އެމައްސަލަ ޕީޖީގްރޫޕްގައި މަޝްވަރާ ކުރެވިފައިވާކަށާ، ނަމަވެސް މިމައްސަލާގައި ޢަމަލުކުރާނެ ވަކި ގޮތެއް އަދި ނުނިންމާކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީން އަމަލުކުރަމުންދާނީ ޕާޓީގެ އެތެރޭގައި ހަމަޖެހިފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިންކަމަށް. މިކަމުގައިވެސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އަމަލުކުރާނީ ހަމަ އެއުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް އޭނާވިދާޅުވިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޢާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މިމައްސަލަ ހުށަހެޅީ ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲއާއި ޖަލުގައި ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ޕީޖީ ޢަމަލުކޮށްފައިވާ ގޮތުންކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިނިވަން މުވައްސަސާތަކުން މީހުން ވަކިކުރަން އޮންނަނީ ޕާލިމަންޓްރީ ގްރޫޕަށް ހުށަހަޅައި، ޕަލިމަންޓްރީ ގްރޫޕުގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ކަނޑައެޅުމުން ކަމަށް ޢަލީ އާޒިމް ވިދާޅުވެފައިވެއެވެ.