ޚަބަރު

މިނިވަން މުވައްސަސާތަކަށް މެމްބަރުން ކަޑައެޅުމަށް ކުރައްވާ އިންޓަވިއު ޓީވީން ލައިވްކުރުމަށް ބާރުއަޅުއްވާނަން - ރޮޒައިނާ


މިނިވަން މުވައްސަސާތަކަށް މެމްބަރުން އައްޔަންކުރުމަށް މަޖިލީހުގެ ކޮމިޓީން ކުރާ އިންޓަރވިއު ޓީވީން ވަގުތުން ދެއްކުމަށް ވަރަށްބޮޑަށް ބާރުއަޅުއްވާނެ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ވިދާޅުވީ މިނިވަން މުވައްސަސާތަކަށް މެމްބަރުން އައްޔަންކުރުމަށް މަޖިލީހުގެ ކޮމިޓީން ކުރާ އިންޓަރވިއު ޓީވީން ވަގުތުން ދެއްކުމަށް ކުރިންވެސް މަޝްވަރާކުރެވިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި އިންޓަވިއުތައް ލައިވްކުރުމަށް ވަރަށްބޮޑަށް ބާރުއަޅުއްވާނެ ކަމަށެވެ.

މިނިވަން މުއައްސަސާތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ އިންޓަވިއުތައް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް ގެންދާ އިރު، ޓީވީތަކުން ލައިވްކުރުމަށް ވަރަށްބޮޑަށް ތާއީދު ކުރައްވައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ރޮޒައިނާ ވިދާޅުވީ މިފަދަ ކޮމިޓީތައް ލައިވްކުރުމަށް މަޖިލީހުގެ ރިޔާސަތާއި، މެމްބަރުންވެސް ވަރަށްބޮޑަށް ތާއީދުކޮށްފައިވާކަމަށެވެ.

ޓީވީތަކުން މި އިންޓަރވިއުތައް ލައިވް ކުރުމުގެ ސަބަބުން ވަކި މީހަކަށް ފައިދާތަކެއް ކޮށްފާނެކަމަށް ޤަބޫލުނުކުރާކަމަށާއި، އަދި ކޮމިޝަންތަކަށް ކުރިމަތިލައްވާ ބޭފުޅުންނާއި ކުރާނީ އެއްސުވާލުތަކެއް ނޫންކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮމިޝަންތަކަށް މަޖިލީހުން އައްޔަންކުރަން ފެންނަކަމަށް ކަޑައަޅާ ބޭފުޅުންނަކީ ކޮންބޭފުޅުންތަކެއްކަން ރައްޔިތުންނަށްވެސް އަދި މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި ނުހިމެނޭ މެމްބަރުންނަށްވެސް އެގެންޖެހޭކަމަށެވެ.

ކޮމިޝަންތަކަށް ކުރިމަތިލައްވާ ބޭފުޅުންނަށް ކޮމިޓީން ވަކިގޮތަކަށް މާކްސްދިން ކަމުގައިވީނަމަވެސް މަޖިލިސް ފްލޯއިން ވޯޓް ދޭއިރު، މުއައްސަސާތަކަށް އައްޔަންކުރާ ބޭފުޅުންގެ ފެންވަރާއި، އެ މަޤާމަކަށް އެބޭފުޅެއްގެ ޤާބިލްކަން ހުރި މިންވަރު މެންބަރުންނަށް ނޭގުމުގެ ސަބަބުން އެހެން ގޮތަކަށް ވޯޓް ދެއްވުން އެކަށީގެންވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އެންމެފަހުން މަޖިލީހުގައި ވޯޓަށްއެހި އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޓީން އެންމެމަތިން މާކްސްލިބުނު 2 ވަނަ ފަރާތަށް މަޖިލިސް ތަޅުމުން އެކަށީގެންވާ އަދަދަށް ވޯޓް ނުލިބުނީ މެމްބަރުންނަށް އެ މަޤާމަށް އޭނާގެ ޤާބިލްކަން ހުރިމިންވަރު ނޭގުމުންކަމަށް ޤަބޫލުކުރައްވާކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ. އޭސީސީގެ މެމްބަރުކަމަށް ކަނޑައަޅަން އެންމެމަތިން 2 ވަނަ އަށް މާކްސް ލިބުނު އާދަމް ޝާމިލްއަކީ އެމަޤާމަށް އެކަށީގެންވާ ބޭފުޅެއްކަން ކޮމިޓީން އޭނާއާ އިންޓަރވިއު ކުރެއްވިއިރު ލައިވްކޮށް މެމްބަރުންނަށާއި، ރައްޔިތުންނަށް އަޑުއިވުނުނަމަ އެގޮތަށް އެކަން ނުވީސްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ އިންޓަވިއުތައް ރައްޔިތުންގެ މަޖިލިހުގައި ކުރިއަށްގެންދާއިރު، ލައިވް ކުރުމަކީ އެކަމުގެ ސަބަބުން ވަކި މީހަކަށް ފައިދާތަކެއް ކޮށްފާނެ ކަމެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމް ވަނީ ވިދާޅުވެފައެވެ. މަޖިލީގެ ޤަވާއިދު ހަމަޖެހިފައިވާގޮތުން އެކޮމިޓީއެއްގެ މަސައްކަތްކުރިއަށްދާއިރު ނޫސްވެރިންނަށް ކޮމިޓީގެ ބައްދަލުވުން އަޑުއެހުމުގެ ފުރުޞަތު ދިނުމުގެ އިޚްތިޔާރު ކޮމިޓީ މެމްބަރުންނަށް ލިބިގެންވެއެވެ.