ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި، މިއަދު ފުރާވަޑައިގެންފިއެވެ.

މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އަވަށްޓެރި ސްރީލަންކާއަށް ކުރައްވާ ދެވަނަ ދުތުރުފުޅެވެ. އެމަނިކުފާނު މިދަތުރުފުޅު އީދުބަންދުގެ ފަހަށް ފަސްކުރެއްވީ ރޭ ރާއްޖޭގެ ވޮލީޓީމާއި، ސްރީލަންކާގެ ވޮލީޓީމް ކުޅުނު އެކުވެރިކަމުގެ ވޮލީމެޗް ބަލައްވާލެއްވުމަށެވެ.

ރައީސް އީދު ޗުއްޓީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވައި ވޮލީ މެޗް ބެއްލެވުމަށް އެމަނިކުފާނު މަޑުކުރެއްވިކަމީ އެމަނިކުފާނު ކުޅިވަރަށް ބަހައްޓަވާ ޝައުވެރިކަން ހާމަވާ ކަމެއްކަމުގައި ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަހުލޫފްވަނީ ވިދާޅުވެފައެވެ. ރައީސުލް ޖުމްހޫރިއްޔާގެ ދެކަބަލުން ލަންކާއަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.