ޚަބަރު

އެޗްއާރުސީއެމްގެ 6 އަހަރުގެ އޮޑިޓްރިޕޯޓެއް ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމައިފި


ހިއުމަންރައިޓްސް ކޮމިޝަންގެ ފާއިތުވެދިޔަ 6 އަހަރުގެ އޮޑިޓްރިޕޯޓް ކޮމިޓީން ދިރާސާކޮށް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމައިފިއެވެ.

2013 އިން ފެށިގެން 2018 ވަނަ އަހަރާއި ހަމަޔަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ ހިއުމަންރައިޓް ކޮމިޝަންގެ އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތުކޮމިޓީން ނިންމާފައިވަނީ ކޮމިޓީއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

މި ރިޕޯޓްތައް ދިރާސާކުރުމުގައި މެމްބަރުންގެ ކަންބޮޑުވުންތަކާއި، ސުވާލުތަކަށް އޮޑިޓް އޮފީހުން ވަނީ ކޮމިޓީގައި ޖަވާބުދާރީވެފައެވެ. މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމައި ކޮމިޓީން ނިންމި ނިންމުމުގައި ކޮންމެ ރިޕޯޓަކަށް ކޮމިޓީގެ ރިކަމަންޑޭޝަނެއް ހިމަނައި ހުރި ކަންބޮޑުވުންތައްވެސް ވަނީ ހިމަނާފައެވެ.

ސަރުކާރުގެ އޮފީސްތަކާއި، މިނިވަން މުވައްސަސާތަކުގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވުނު މައިގަނޑު މައްސަލަތައްކަމަށް އޮޑިޓް އޮފީހުން ވިދާޅުވެފައިވަނީ މުވައްޒަފުން މަސައްކަތް ކުރުމުގައި ކަމަށް ކަމޭހިތައިގެން މަސައްކަތް ނުކުރާ މައްސަލައެވެ. އެގޮތުން ގިނަ އޮފީސްތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަވެފައިވަނީ ކޭޝްބޭސިސް އިޝޫއާއި، އިންޝުއަރެންސް ޕޮލިސީއާއި ޚިލާފްވުންފަދަ ކަންތައްތައްކަމަށް އޮޑިޓް އޮފީހުން ވިދާޅުވެއެވެ. އެޗްއާރުސީއެމްގެ ރިޕޯޓްތައް މަޖިލިސް ތަޅުމަށް ހުށަހެޅުމަށް ނިންމާފައިވަނީ ވަކިވަކިން ހުރިހާ އަހަރެއްގެ ރިޕޯޓްތައް ދިރާސާކުރުމަށްފަހުގައެވެ.

ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުވައްސަސާތަކުގެ ގިނަ އޮޑިޓް ރިޕޯޓްތަކެއް މަޖިލީހުގައި ފުނިޖެހިފައި ހުރިއިރު، މަޖިލީހުންދަނީ މި ރިޕޯޓްތައް ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަން ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންނެވެ. މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ގިނަ އަދަދެއްގެ އޮޑިޓްރިޕޯޓްތަކެއް ދިރާސާކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.