ވިޔަފާރި

ހުއްޓުމެއްނެތި ކުރަމުންދާ މުޒާހަރާތަކާއެކު ހޮންކޮންގގެ އިޤްތިސާދަށް ނުރައްކާ!


ހޮންގްކޮންގގެ ކުށްވެރިން ޗައިނާއާއި ހަވާލުކުރުމަށް ފާސްކުރަން އުޅުނު ބިލަކާއި ގުޅިގެން ހޮންކޮންގްގައި މީގެ ދެ މަސްކުރިން ފެށި މުޒާހަރާތައް މަޑުޖެހުމަކަށް އައިސްފައިނުވާއިރު އެކަމުގެ ސަބަބުން ހޮންކޮންގްގެ އިޤްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބައިނަލްއަޤްވާމީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން މިހަފްތާތެރޭ ވެސް ހޮންކޮންގގެ އެއަރޕޯޓުގައި ކުރި މުޒާހަރާތަކާއެކު ފްލައިޓްތައް ހުއްޓުމަކަށް އައިސް ހޮންކޮންގގެ އެއަރޕޯޓަށް މާލީގޮތުން ބޮޑެތި ގެއްލުންތަކާއި ވަނީ ކުރިމަތިވެފައިވެއެވެ.

ހޮންކޮންގްގައި ހުއްޓުމެއްނެތި ކުރަމުންދާ މުޒާހަރާތަކާއެކު ހޯމަ ދުވަހާއި އަންގާރަ ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ އެއަރޕޯޓުގައި ވަރުގަދައަށް މުޒާހަރާކޮށްފައެވެ. އެގޮތުން 5000 އަށް ވުރެ ގިނަ މީހުން އެއަރޕޯޓަށް އެއްވެ ހަޅުތާލުކޮށްފައިވާއިރު މި ދެދުވަހުވެސް އެއަރޕޯޓުގެ ހުރިހާ ފްލައިޓްތައް ވަނީ ކެންސެލްކޮށްފައެވެ. މީގެ ސަބަބުން އެއަރޕޯޓުގެ އޮޕަރޭޝަންތައް ހޯމަ ދުވަހުން ފެށިގެން މެދުކެނޑި އެއަރޕޯޓު ވަނީ ބަނދުވެސް ކޮށްފައިވެއެވެ. އެހެންނަމަވެސް، އަންގާރަ ދުވަހު އެއަރޕޯޓު ހުޅުވައި އޮޕަރޭޝަންތައް ފަށައިގެން ކުރިއަށްދިޔަ ނަމަވެސް ގިނަ އެއަރލައިންތަކުން ވަނީ ހޮންގްކޮންގ އެއަރޕޯޓަށް ކުރާ ދަތުރުތައް ކެންސަލްކޮށް ދަތުރުތައް ރީޝެޑިއުލްކުރުމަށް އަންގާފައެވެ. މި އެއަރލައިންތަކުގެ ތެރޭގައި ވިއެޓްނާމް އެއަރލައިންއާއި، މެލޭޝިއަން އެއަލައިން ކެތޭ ޕެސިފިކް އަދި ޖެޓްސްޓަރ ޕެސިފިކް އެއަރލައިން ހިމެނެއެވެ. ކެތޭ ޕެސިފިކް އެއަރލައިނުން ވަނީ 200 އަށް ވުރެ ގިނަ ފްލައިޓް ހަމައެކަނި އަންގާރަ ދުވަހުވެސް ކެންސަލްކުރިކަމަށް ބުނެފައެވެ.

ހޮންކޮންގްގެ އެއަރޕޯޓަކީ ބެއިޖިންގ އަދި ޓޯކިޔޯ އެއަރޕޯޓަށް ފަހު އެ ސަރަޙައްދުގައި ވެސް އެންމެ ކާރޫބާރު ބޮޑު އެއަރޕޯޓެވެ. މި އެއަރޕޯޓުން ކޮންމެ އަހަރަކު 74 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރާއިރު ކޮންމެ ދުވަހަކުވެސް 200 އަށް ވުރެ ގިނަ މަންޒިލްތަކަށް، ހާހަކަށްވުރެ ގިނަ ފްލައިޓްތައް މި އެއަރޕޯޓުން ދަތުރުކުރެއެވެ.

ހޮންކޮންގް އެއަރޕޯޓަކީ އެޤައުމުގެ ޖީޑީޕީގެ 5 އިންސައްތަ ހިއްސާކުރާ އެއް ވަސީލަތެވެ. އެހެންކަމުން، އެއަރޕޯޓުގައި ކުރަމުންދާ، މި މުޒާހަރާތަކާއެކު ހޮންކޮންގގެ އިޤްތިސާދަށް ވަރަށް ބޮޑަށް އަސަރުކުރާނެކަމަށް ބެލެވެއެވެ. އެއަރލައިންތައް ރޭޓްކުރާ ވެބްސައިޓެއްކަމަށްވާ އެއަރލައިން ރޭޓިންގް ޑޮޓް ކޮމްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެޑިޓަރ ޖެފްރީ ތޯމަސް ވަނީ މިއީ ހޮންގކޮންގއަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ވާނެކަމެއްކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ހޮންގްކޮންގްއަށް ދިއުމަށް ޓިކެޓް ބުކްކޮށްފައިތިބި އެތައް ސަތޭކަ މީހުން މިހާރު ޓިކެޓްތައް ކެންސަލްކޮށް ހޮންކޮންގ ނޫން އެއަރޕޯޓުތައް މެދުވެރިކޮށް ދަތުރުކުރަން ފަށާނެކަމަށެވެ. އަދި ހޮންގކޮންގްއަށް ޒިޔާރާތްކުރާ މީހުން މަދުވެ ހޮޓެލް ބުކިންގ ރޭޓްތައް ވެސް ދަށްވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރިއާއި ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ހޮންކޮންގްގެ އިޤްތިސާދު ހީނަރު ވެގެންދާނެކަމަށް އޭނާ ފާހަގަކުރިއެވެ.

ހޮންކޮންގްގައި މިހާރުވެސް ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކާއި ބޮޑެތި ބޭންކުތައް ހުންނައިރު، ހޮންކޮންގްއަށް އިޤްތިސާދީގޮތުން އަންނަ ކޮންމެ ހީނަރުކަމަކީ މި ކުންފުނިތަކަށް ވެސް ލިބެނޭ ބޮޑު ގެއްލުމެކެވެ.

ހޮންކޮންގގެ މުޒާހަރާތައް އަދިވެސް ނިމުމަކާއި ހަމައަށް އައިސްފައިނުވާއިރު އަންގާރަ ދުވަހު ހޮންކޮންގގެ ލީޑަރު ކެރީ ލާމް ވަނީ މުޒާހަރާތަކާއިއެކު ޤައުމުގެ ހާލަތު ވަރަށް ދަށް ފެންވަރަކަށް ވެއްޓިފައިވާކަމަށް ވިދާޅުވެފައެވެ.