ޚަބަރު

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ބައިވެރިވުމަށް 390 ޒުވާނުން އެދިފައިވޭ


މިމަހުގެ ތިރީސްވަނަ ދުވަހު ފަށާ އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި ބައިވެރިވުމަށް މިހާތަނަށް ތިން ސަތޭކަ ނުވަދިހަ ޒުވާނުން އެދިފައިވާކަމުގައި އެޕާޓީން ބުނެފިއެވެ.

މިމަހުގެ ތިރީހުން އެއްތިރީހަށް ހުޅުމާލޭ ހުރަވީ ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްއާ ގުޅޭގޮތުން ޑިރެކްޓަރ އޮފް ކޮންގްރެސް، އައިކު އަހުމަދު އީސާ ވިދާޅުވީ، ކޮންގްސްގައި ބައިވެރިވުމަށް ތިން ސަތޭކަ ނުވަދިޔހަ ފަރާތެއް މިހާތަނަށް އެދިފައިވާކަމަށެވެ. އޭގެ ތެރޭގައި ޤައުމީ މަޖިލީހުގެ މެމްބަރުންނާއި މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންނާއި މިނިސްޓަރަކުވެސް ހިމެނިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

ޒުވާނުންގެ ކޮންގްރެސްގައި ޒުވާނުންގެ ގޮފީގެ އައު ލޯގޯ ފާސްކުރުމަށް ހަމަޖެހިފައިވާތީ އައުލޯގޯ ޑިޒައިންކޮށް ހުށަހެޅުމަށް މިމަހުގެ ވިހިވަނަ ދުވަހާހަމައަށް ހުޅުވާލެވިފައިވާކަމަށް އައިކް ވިދާޅުވިއެވެ. މިކޮންގްރެސްއަކީ ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވާ ކޮންގްރެސްއަކަށްވާއިރު މުހިންމު ކަންތައްތަކެއް މި ކޮންގްރެސްގައި ހިމެނިފައިވާކަމަށާ، ކޮންގްރެސްގެ ފުރަމަ ދުވަހު އޮންނަ ސެޝަންތައް ނަގައި ދިނުމުގައި ރާއްޖޭގެ ސިޔާސީ އިސްވެރިންނާއި، އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އައިކް ވިދާޅުވިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ފަރާތުން ބާއްވާ މިކޮންގްރެސްއަކީ އެޕާޓީގެ ޒުވާނުންގެ ގޮފިން ބާއްވާ ފުރަތަމަ ކޮންގްރެސްކަން ފާހަގަކޮށްލެވެއެވެ.