ޚަބަރު

އުސް ފަސްގަނޑު "ބްރިޖު ސައިޓު" ފަޅުވެފައި!


ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރުމަށް މާލޭގައި ހަދާފައިވާ ސައިޓް ހިމެނޭ އުސް ފަސްގަނޑު ސަރަހައްދު ހުސްވިޔަސް އެސަރަޙައްދާމެދު ޢަމަލުކުރާނެ ވަކިގޮތެއް އަދި ނިންމާފައި ނުވާކަމަށްް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖް މަޝްރޫޢު ހަވާލުކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ ކުންފުނިން މާލޭގެ ލޮނުޒިޔާރަތްކޮޅު އުސްފަސްގަނޑުގައި ހަދާފައިވާ ސައިޓުން މިހާރު ފެންނަނީ ފަޅުކަމެވެ. އޮފީސްއިމާރާތަކާއި، ދިރިއުޅޭނެ އެޕާޓްމަންޓަކާއި، ކައްކާ، ކާބޮއި އުޅޭނެފަދަ އިންތިޒާމްތަކާއި ވަސީލަތްތަކާއެކު އެންމެ ޒަމާނީ ފެންވަރުގައި ތައްޔާރުކުރި މިސައިޓަކީ އެދުވަސްވަރު ގިނަބައެއްގެ ސަމާލުކަން ހުއްޓުނު ސައިޓެކެވެ. ހުސްވަގުތު ތަކުގައި ކުޅިވަރުކުޅެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާ މި ސަރަހައްދަކީ މާލޭގައި ދިރިއުޅޭ ޢާއްމުންނަށް ވަދެއުޅެވޭ ސަރަހައްދެއްވެސްނޫނެވެ.

ބްރިޖްގެ މަސައްކަތްނިމުނު ކަމުގައިވިޔަސް 2 އަހަރުވަންދެން ބްރިޖް ބެލެހެއްޓުމުގެ އެންމެހައި ކަންކަން ކުރާނީ ސީސީސީސީ ސެކަންޑް ހާބަރ ކުންފުނިންކަމުގައި އޭރުގެ ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު ގިނަބަޔަކު ހީކޮށްގެއްނެތިބީ ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ސައިޓްތަކަކީވެސް ހަމަ މިމުއްދަތަށް އެފަރާތުގެ ބެލުމުގެ ދަށުގައި ހުންނާނެ ތަނެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު މިސަރައްދު ފެނިގެންދަނީ، ފަޅު ތަނެއްގެ ގޮތުގައެވެ. އެއްވެސް މީހަކު އެތަނުގައި އުޅޭކަމުގެ އެއްވެސް ހިލަމެތް ނެތްއިރު، މިތަނަށް ވެފައިވާގޮތެއް ކަމާބެހޭ އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

މިސަރަހައްދަށް މިހާރުގެ ސަރުކާރުން ގެންނަވާނީ ކޮންބަދަލެއްކަމެއް އަދި ހާމަކުރައްވާފައިނުވެއެވެ. ޕްލޭންނިން މިނިސްޓްރީން ވިދާޅުވީ މިވަގުތު އެތަން އޮތީ ހުސްކޮށްކަމަށާއި، އެތަނުގައި އެއްވެސް ބަޔަކު މިހާރު ނޫޅޭކަމަށެވެ. އަދި އެވުޒާރާއިން އެތަނާއިމެދު ޕްލޭންތަކެއް ގެންގުޅުއްވާކަމަށްވެސް ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެ މިނިސްޓްރީން އެސަރަހައްދުގައި ކުރާނެ ވަކިކަމެއް ހާމައެއް ނުކުރައްވައެވެ.

އެމިނިސްޓްރީންވިދާޅުވީ ބްރިޖްގެ މެއިންޓެއިނަސްގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ކުންފުނީގެ ބޭފުޅުން މިހާރު އުޅެނީ ހުޅުމާލޭގައި ހަދާފައިވާ ސައިޓްގައިކަމަށެވެ.

ބްރިޖްގެ މަސައްކަތް ކުރުމަށްޓަކައި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ ކުންފުނީގެ 500 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވެފައިވެއެވެ. މިމީހުންގެ ހުރިހައިކަމެއް ހަމަޖައްސާފައިވަނީ މާލެއާއި ހުޅުމާލޭގައި ހަދާފައިވާ ދެސައިޓުގައެވެ. އެމީހުން މިތަނުގައި ދިރިއުޅެމުންދިޔައީ އެމީހުންގެ އަމިއްލަ ވަޒަނުގައި އުޅޭފަދަ މިނިވަންކަމާއިއެކުގައެވެ. ތަފާތުއެކި ކުޅިވަރު މުބާރާތްތަކައި ކުޑަކުދިންގެ ހަވީރު ބޭއްވުންފަދަ ކަންކަންވެސް އެދުވަސްވަރު މިތަނުގައި އެކުންފުނިން ވަނީކޮށްފައެވެ.

ބްރިޖްގެ އަމަލީ މަސައްކަތްނިމި ބްރިޖް ބޭނުންކުރަންވެސް ފެށުމާއެކު، ބްރިޖް ހެދުމަށް އޭރު މަސައްކަތްކުރި ގިނަ މީހުންވަނީ އެބުރި ޤައުމަށްގޮސްފައެވެ. އަދި މިހާރު ހުޅުމާލޭގައިތިބި މީހުންނަކީ ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްރިޖް ބެލެހެއްޓުމުގެ މަަސައްކަތުގައި ތިބި މަދުބަޔެކެވެ.