ޚަބަރު

ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ފެނަކައިން 5 ރަށަކަށް ޖަނަރޭޓަރ ފޮނުވަނީ


5 ރަށެއްގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް އެ ރަށްރަށަށް ޖަނެރޭޓަރު ސެޓު ފޮނުވުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.

ފެނަކައިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ޖަނރޭޓރު ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ ގއ.ވިލިނގިއްޔާއި، ގދ.ތިނަދުއާއި، ލ.ފޮނަދުއާއި، ލ.ގަމާއި، ތ.ގުރައިދުއަށެވެ. މީގެތެރެއިން ގއ.ވިލިނގިއްޔާއި، ގދ.ތިނަދުއާއި، ލ.ފޮނަދުއަށް ފޮނުވަނީ ކޮންމެ ރަށަކަށް 1 މެގަވޮޓްގެ ޖަނަރެޓަރ ސެޓެވެ. އަދި ލ.ގަމާއި ތ.ގުރައިދުއަށް ފޮނުވަނީ ކޮންމެ ރަށަކަށް 800 ކިލޯވޮޓްގެ ޖަަނަރޭޓަރ ސެޓެވެ.

ފެނަކައިން ބުނެފައިވަނީ މި 5 ރަށަށް ފޮނުވާ، އިންޖީނުތައް ލޯޑް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މޫސުން ގޯސްވުމާއި ގުޅިގެން އިންޖީނުތައް ފޮނުވުން މަޑުޖައްސާލިނަމަވެސް، ކުރިއަށް އޮތް 24ގަޑިއިރުގެ ތެރޭގައި އިންޖީނުތައް ރަށްރަށަށް ފޮނުވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ.

ފެނަކައިން ދަނީ 149 ރަށަކަށް ކަރަންޓުގެ ޚިދުމަތްދެމުންނެވެ. ފެނަކައިން ބުނެފައިވަނީ އާ ޖަަރޭޓަރުތައް ފޮނުވަނީ އާބާދީ އިތުރުވަމުން އަންނަ، އަދި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ރަށްތައް ބަލައިގެންކަމަށެވެ. އެގޮތުން މި 5 ރަށަށް އިންޖީނުތައް ގެންދެވުމާއެކު ވީހާވެސް އަވަހަށް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާނެކަމަށް ފެނަކައިން ބުނެއެވެ.

މި އަހަރުގެ މޭ މަހުގެ ނިޔަަލަށް ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ފެނަކައިންވަނީ 153 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ފެނަކައިން މިހާރުވެސްދަނީ 13 ރަށެއްގައި އައު އިންޖީނުގެތަައް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި 56 ރަށެއްގެ އިންޖީނުތައް އަޕްގްރޭޑްކޮށް، އާންމުންނަށް އުނދަގޫވާ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަަސައްކަތްވެސް ކުރަމުންނެވެ.