އއ.މޫފުށި ރިސޯޓުން ސްނޯކްލިންއަށް ފޭބި ދެ ފަތުރުވެރިން ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދަނީ މޫފުށި ރިޒޯޓަށް ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅޭ ދެމަފިރިންކަަމަށެވެ. ސްނޯކްލިންގްއަށް ފޭބި މި ދެ މީހުންގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:20ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި މި ދެމީހުން ސްނޯކްލިންއަށް ފައިބާފައިވަނީ އެ ރިސޯޓްގެ ފަޅުތެރެއަށެވެ. މި ޙާދިސާގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެއް މިހާރު ދަނީ ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މޫސުން ގޯސްވެ ވިއްސާރަވުމާއި ގުޅިގެން އެމްއެންޑީއެފުންވަނީ ކަނޑު ދަތުރުފަތުރު ކުރުމުގައްޔާއި މޫދުގައި ހިންގާ އެކިއެކި މޫދު ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިއުމުގައިވެސް ސަމާލްވުމަށް އިލްތިމާސްކޮށްފައެވެ.