ކުޅުދުއްފުއްޓަކީ ޒަމާނުންސުރެ މަސައްކަތްތެރި މުރާލި ހިތްހެޔޮ ބަޔަކު ދިރިއުޅެމުން އަންނަ ރަށެކެވެ. ކުޅުދުއްފުއްށި މަޝްހޫރު ވެފައިވަނީ ހަމައެކަނި ރޯނުވެށުމާއި ހާލުފޮޅި ފިހުމަށް އެކަންޏެއް ނޫނެވެ. އެރަށުގެ މީހުންނަކީ އެތައް ގޮތަކުން ފާހަގަ ކޮއްލެވޭ ރަށެކެވެ. ތަފާތު އާކަންތައްތަކެއް ކުރުމަކީ އެހެންމީހުންގެ ސަމާލުކަން ހޯދުމަށްކުޅުދުއްފުށީ މީހުންގެ ކިބައިގައި ހުންނަ ހުނަރެކެވެ. އެގޮތުން ޢީދު ފާހަގަ ކުރުމުގައިވެސް ކުޅުދުއްޓަކީ ތަފާތު ރަށެކެވެ.
ކުޅުދުއްފުށީގެ ރައްޔިތުން މިއަހަރުގެ އަޟްޙާ ޢީދު ޙަރަކާތް ތައް ފެށީ އީދު ނަމާދުންނެވެ. ބޮޑު ޖަމާޢަތުގައި ސްޓޭޑިއަމްގައި އީދުނަމާދު ކުރިއިރު ކުޅުދުއްފުށީގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ވެސް އީދުނަމާދު ކުރިއެވެ. ހުރިހާ ގެއެއްގައި ވެސް ޢީދު ސައިބުއިމާއި، ޢީދުސަލާމް ކުރުމާއި ހަދިޔާ ބަދިޔާ ބަދަލު ކުރުމުގެ އިތުރުން ޢާއިލީ މީހުންނަށް ޒިއާރަތް ކޮށް ޢީދު ތަހުނާ ކިއުން ކުރިއަށް ދިޔައެވެ.
ޢީދުގެ ފުރަތަމަ ދުވަހުގެ ހަވީރު ބަންދު ދުއްވުމުގެ ކުޅިވަރު ޙަރަކާތްތަކެއް މަގުތަކުގައި ކުއަށް ގެންދިޔައެވެ. ބަންދު ދުއްވުމަކީ ކުރީޒަމާނުގައި ޒުވާނުންނާއި ކުޑަކުދިން މުނިފޫހި ފިލުވުމަށް ކޮށް އުޅުނު ކަމެކެވެ.
ޢީދުގެ ދެވަނަ ދުވަހަކީ ކުޅުދުއްފުއްޓަށް ވަރަށް ޚާއްޞަ ދުވަހެކެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ އެތަށް ބަޔަކު އިންތިޒާކުރާ މަށިމާލި ޕެރޭޑް ކުޅުދުއްފުށީގައި އޮތީ އިއްޔެއެވެ. އެންމެ މަތީ ފަންތިން ފެށިގެން ކުދި ބޮޑު އެންމެންވެސް މަށިމާލި ބެލިއެވެ. ވެހެމުންދިޔަ ވާރެއާއި އެކު ކުޅުދުއްފުށީގެ އެތައްސަތޭކަ ބަޔަކު މަށިމާލި ބަލަން މަގުތަކަށް ނިކުމެފައިވެއެވެ. މި ޕެރޭޑްގައި ތަފާތު ގިނަ މާލިތަކާއި މޮޑެލްތައް ދައްކާލައި އެތައް ބައެއްގެ ސަމާލްކަން ވަނީ ހޯދާފައެވެ.
މަށިމާލި ޕެރޭޑަކީ އެއިރެއްގެ ރާއްޖޭގެ މަޞްރަޙް ގައި ހިނގާ ހުރިހާ ކަމަކާއި ކުޅުދުއްފުށީގެ ރައްޔިތުންގެ ކަންބޮޑުވުންތައް ކުޅުދުއްފުށީ ސްޓައިލްގައި ގެނެސްދޭ މެސެޖްތަކެއް ހިމަނައިގެން ދައްކަލާ އައިޓަމެކެވެ. އިއްޔެގެ މަށިމާލި ޕެރެޑްގައި ހިމަނާފައި ވަނީ ރާއްޖޭގެ ސިޔާސީ މައިދާނަށް ނިސްބަތްވާ ޖޯކްތަކެކެވެ.
މަށިމާލި ޕެރޭޑްގައި ހިމެނޭ ސަމާސާ އަދަބުގެ ފުޅަނދު ތަކުން، ވަކި ސަރުސަރުކާރަކަށް ނިސްބަތް ނުވާގޮތަށް އެއިރެއްގައި އޮންނަ ސަރުކާރަކަށް ޚާއްޞަ މެސެޖްތައް ދެ އެވެ. މިފަހަރު ވެސް ކުޅުދުއްފުށީގައި ވަނީ މިފަދަ ޝަކުވާތައް ހިމެނޭ މާލިތައް ދައްކާލާފަ އެވެ.
ކުޅުދުއްފުށީގައި އިއްޔެ ބޭއްވި މަށިމާލި ވެގެން ދިޔައީ ސޯޝަލްްމީޑިއާ ގައި ޓުވީޓްފަދަ ވަސީލަތްތައް މެދުވެރިކޮށް މީހުންގެ ސަމާލުކަން ހުއްޓިގެންދިޔަ ޙަރަކާތަކަށެވެ. އަދި މަށިމާލި ޕެރޭޑްގެ ވީޑިއޯތަކާއި ފޮޓޯތައް ގިނަ އަދަދަކަށް ޝެއަރ ކޮށްފައި ވެއެވެ. ކުޅުދުއްފުށި މީހުން ތަފާތުވަނީ މިހެންވެއެވެ.