ޚަބަރު

އާސަންދަ ކުންފުނިން ޚަރަދުކޮށްފައިވަނީ ކުންފުނީގެ ޕޮލިސީއާއި ޚިލާފަށް - ޗެއާމަން


އާސަންދަ ކުންފުނިން ފާއިތުވެދިޔަ އަހަރުތަކުގައި ޚަރަދުކޮށްފައިވަނީ ކުންފުނީގެ ޕޮލިސީއާއި ޚިލާފަށް ކަމުގައި އެކުންފުނީގެ ޗެއާމަން ވިދާޅުވެއްޖެއެވެ.

އާސަންދަ ކުންފުޏަކީ ރާއްޖޭގެ އިޖްތިމާއީ އަދި ޞިއްޙީ އިންޝުއަރެންސް ސްކީމެއް ޤާއިމްކުރުމަށް އެލައިޑް އިންޝުއަރެންސް ކުންފުންޏާއި ސަރުކާރާއެކު ހަދާފައިވާ ޖޮއިންޓް ވެންޗަރެއްގެ ގޮތުން 20 ޑިސެމްބަރު 2011 ވަނަ ދުވަހު އުފައްދާފައިވާ ކުންފުންޏެކެވެ. މިކުންފުންޏަކީ ރައްޔިތުންނަށް ބޭނުންވާ މުހިންމު އަސާސީ ޙިދުމަތެއް ފޯރުކޮށްދޭ ތަނެއްކަމުން 2015 ވަނަ އަހަރުގެ މާޗްމަހުގެ 1 ވަނަ ދުވަހު އޭރުގެ ސަރުކާރުންވަނީ ކުންފުނީގެ ހިއްސާގަނެ 100 ޕަސެންޓް ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކޮށްފައެވެ.

2015 ވަނައަހަރުން ފެށިގެން މިހާތަނަށް އާސަންދަ ކުންފުނި ހިންގުމާއިހަވާލުވި ފަރާތްތަކުން ބޮޑެތި އިޚުމާލު ވެފައިވާކަން އޮޑިޓްރިޕޯޓްތަކުން ހާމަވެއެވެ. 2017 ވަނަ އަހަރުގެ އާސަންދަ ކުންފުނީގެ އޮޑިޓް ރިޕޯޓަށް އެކަނި ބަލައިލުމުންވެސް ކުންފުނި ހިންގުމަށް، ޚަރަދުކޮށްފައިވާ ގޮތަށްބަލާއިރު އެއްވެސް ޒިންމާދާރުކަމެއްނެތި ޙަރަދުކޮށްފައި ހުރިކަން ހާމަވެއެވެ. އެއަހަރުގެ ބަޖެޓެއްގެ ގޮތުގައި 1.3 ބިލިޔަންރުފިޔާ އާސަންދައަށް ކަޑައަޅާފައިވާއިރު، ޚަރަދުގެ ގޮތުގައި 1.4 ބިލިޔަން ރުފިޔާ ހޭދަވެފައިވާކަން މި ރިޕޯޓުން ހާމަވެއެވެ.

މި ޙަރަދުތައް ކުރުމުގައި ސުވާލު އުފެދޭ އެތައްކަމެއް ހުރިކަމަށާއި، ޙަރަދުތައް ކޮށްފައިވާ ލިޔެކިޔުންތައް ފެންނަން ނެތްކަންވެސް އޮޑިޓް ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ.

އާސަންދަ ކުންފުނީގެ ހިންގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޗެއާމަން ވިދާޅުވީ އާސަންދަ ކުންފުނިން ފާއިތުވެދިޔަ ތަނުގައި ޚަރަދުކޮށްފައިވަނީ ކުންފުނީގެ ޕޮލިސީއާއި ޙިލާފަށްކަމަށެވެ. އާސަންދައަކީ އެއްވެސް އާމްދަނީއެއް ލިބޭ ތަނަކަށްނުވެ، އަބަދުވެސް ބިލްތަކަށް ފައިސާދައްކާ ތަނަކަށްވާއިރު މިފައިސާ ދެއްކުމުގައާއި، އެހެނިހެން ޙަރަދުތައް ކުރުމުގައި އޮޅުންތަކެއް އަރުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އާސަންދަ ކުންފުންޏަކީވެސް ކުންފުނިތަކާއި ބެހޭ ޤާނޫނުގެ ދަށުން އަހަރުން އަހަރަށް ރިޕޯޓް ހުށަހަޅައި ޤާނޫނުގެ ތެރެއިން ހިންގަންޖެހޭ ކުންފުންޏަކަށް ވީނަމަވެސް 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެކުންފުނީގެ އަހަރީ އާންމު ޖަލްސާއެއްވެސް ބޭއްވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ކުންފުނީގެ ޗެއާމަން ވިދާޅުވީ 2017 ވަނައަހަރުގެ ޖަލްސާ މިމަހުގެ ކުރީކޮޅު ބޭއްވިފައިވާކަމަށާއި، މަސައްކަތް ކުރަމުންދަނީ 2018 ވަނަ އަހަރުގެ ޖަލްސާ މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ކަމަށެވެ. އަދި މިހާރު ކުންފުނީގެ މާލީކަންކަން ބެލެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.

ދައުލަތުގެ ފަރާތުން ރައްޔިތުންންނަށް ހިލޭ ބޭސްފަރުވާގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ދެމުންގެންދާއިރު، އާސަންދައިގެ ޚިދުމަތުގެ ތެރެއަށް ކޮރަޕްޝަން އިންތިހާއަށް ވަދެފައި އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވެސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތްދޭއިރު، އާސަންދައިގެ ތެރެއަށް ކޮރަޕްޝަން އިންތިހާއަށް ވަދެފައިވާކަމަށެވެ. އަދި މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން ވަރަށް ގިނަ ފައިސާތަކެއް އިސްރާފުވެގެންދާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އިޖްތިމާޢީ އަދި ސިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަކަމާއެކު ރަގަޅު ފެންވަރެއްގެ އަސާސީ ޞިއްޙީ ޚިދުމަތް ފޯރޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އަދި މިކުންފުންޏަކީ ފައިސާލިބޭނެ އެއްވެސް ވަސީލަތެއް ނެތި އާންމު ރައްޔިތުންގެ ސިއްޙީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.