ޚަބަރު

މަސްވެރިކަމުގެ ޤާނޫނުން ދިވެހި މަސްވެރިންނަށް ހަމައަގު ކަށަވަރުވާނެ


މަސްވެރިކަމުގެ ސިނާއަތައް ޤާނޫނީ ބާރުވެރިކަން ހޯދައި، މަަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައި ގަތުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ މަސްވެރިކަމުގެ ޤާނޫނެއް ހެދުމަށް ބިލެއް ހުށަހަޅުއްވާފައެވެ. އެބިލުގައި މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ސިޔާސަތުތައް ވަނީ ހިމަނާފައެވެ.

އެގޮތުން މި ބިލުގައިވާގޮތުން ދިވެހި މަސްވެރި އުޅަނދުތަކުން ބާނާ މަސް ބޭރުގެ މަސްވެރި އުޅަނދުތަކަށް ވިއްކުމުގެ ބާރު ދިވެހި މަސްވެރިންނަށް ލިބިގެންދާނެއެވެ. މިގޮތަށް މަސް ވިއްކޭނީ ހަމައެކަނި މިނިސްޓްރީން ހުއްދަދޫކުރާ ފަރާތްތަކަށް އެކަނި ކަމަށްވެސް މި ބިލުގައިވެއެވެ.

މިބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި އިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވީ، މިބިލަކީ މަސްވެރިކަމަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ ޤާނޫނީ ބާރު ލިބިގެންދާ ބިލެއްކަމަށެވެ. އަދި މަސްވެރިންނަށް ހަމައަގު ހޯދައިދީ، ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިވެރިންނަށް މަސްވެރިކަމުން ލިބޭ މަންފާ އިތުރުކުރުމާއި، ޤާނޫނާ ޙިލާފަށް މަސްވެރިކަމުގައި ހިންގޭ ހުރިހާ ކަމެއް މި ޤާނޫނާއެކު ހުއްޓުމަކަށް އަންނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވާގޮތުން ބޭރު ގައުމެއްގެ އުޅަނދުތައް ބޭނުންކޮށް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންދާނެއެވެ. އެގޮތުން ޤާނޫނާ ޙިލާފަށް މިފަދަ އަމަލުތައް ހިންގާ ފަރާތްތައް 2 ލައްކަ ރުފިޔާއާއި، 4 ލައްކަ ރުދިޔާއާ ދޭތެރޭ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މަސް ވިއްކާނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސްއެއް ކަނޑައެޅުމުގެ ބާރުވެސް ލިބިގެންދާނެއެވެ.

ރާއްޖޭގެ މަސްވެރިންނަކީ މާކަނޑަށް ނިކުމެ މަސްވެރިކަން ކުރާ ބަޔަކަށްވާއިރު މަސްވެރިންނަށް ކަނޑުމަތިން ފަސޭހަކަމާއިއެކު އެފަރާތްތަކުން ބޭނުންވާ ތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އޮފްޝޯ ޕްލެޓްފޯމްތަކެއްވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި މަސްވެރިންނަށް ބޭރުގެ މަސްބޯޓުތަކަށް މަސް ވިއްކޭނެ އިންތިޒާމް ހަމަޖެހިގެންދާއިރު ރާއްޖޭގެ ސަރަޙައްދުގައި ވަގަށް މަސްވެރިކަންކުރުން ހުއްޓުވައި އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާއި އަދަބުތައްވެސް މަސްވެރިކަމާބެހޭ ބިލުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން މިގޮތަށް ހިފެހެއްޓޭ އުޅަނދުފަހަރާމެދު އަމަލުކުރާނެ ގޮތުގެ ހަމަތަކާއި މިފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ މާއްދާތައް ބިލުގައި ހިމަނާފައިވެއެވެ.

މަސްވެރިކަމަކީ ދިވެހިންގެ ތާރީޚާއި އާދަކާދަތަކާއި، ދިރިއުޅުމާ ގުޅި ލާމެހިފައިވާ މަސައްކަތެކެވެ. ރާއްޖޭގައި މިއަދު މަސްވެރިކަން ކުރަމުންދާ ގޮތާއި، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރާ ޤާނޫނާއި ޙިލާފް މަސްވެރިކަމާއި ގުޅުންހުރި ކަންކަން ހުއްޓުވުމަށް މަސްވެރިކަމުގެ ފުރިހަމަ ޤާނޫނެއް ބޭނުންވާކަމަށް ގިނަ މަސްވެރިން ދަނީ ބުނަމުންނެވެ. ރާއްޖޭގައި މިހާރު އަަމަލުކުރަމުންދާ މަސްވެރިކަމުގެ ޤާނޫނަކީ 1987 ވަނަ އަހަރު އަމަލުކުރަން ފެށުނު ޤާނޫނެކެވެ.