ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސާއި ނާއިބް ރައީސް ވަކިކުރުން ލަސްވާތީ ބައެއްމެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި


ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސާއި ނާއިބް ރައީސް ވަކިކުރަން ކޮމެޓީން ނިންމި ނިންމުން މަޖިލިސް ތަޅުމަށް އެޖެންޑާ ނުކޮށް ލަސްވާތީ މަޖިލީހުގެ ބައެއްމެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސާއި ނާއިބް ރައީސް ވަކިކުރަން ކޮމެޓީން ނިންމާފައިވާ ނިންމުން މަޖިލިސް ތަޅުމުގައި އެޖެންޑާ ކޮށްފައިނުވާ މައްސަލާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ މިމައްސަލަ އެޖެންޑާ ނުކޮށްގެންއުޅޭ ވަކިސަބަބެއް އެގިފައިނުވާކަމަށެވެ.
ނަމަވެސް ކޮމިޓީން މިމައްސަލަ ނިންމުމަށްފަހު މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައިވާކަމަށާ، މިމައްސަލަޔަކީ ލަސްނުކޮށް ނިމެންޖެހޭ މައްސަލައެއްކަމުގައި ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވި މެމްބަރުން ވިދާޅުވެފައިވެއެވެ.

މިމައްސަލަ އެޖެންޑާ ނުކޮށް ލަސްވަނީ ކީއްވެކަން ނޭގޭ ކަމަށާ އޭގެ މާފަހުން، ކޮމިޓީތަކުން ނިންމި ބައެއް މައްސަލަތައްވެސް މަޖިލީހުގައި އެޖެންޑާކޮށް ނިންމާފައިވާކަމަށް އެބޭފުޅުން ވިދާޅުވިއެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސާއި ނާއިބް ރައީސް ވަކިކުރަން ކޮމެޓީން ނިންމި ނިންމުން ޖެހިގެން އައިދުވަހު މަޖިލީހުގެ ރިޔާސަތަށްވަނީ ހުށަހަޅާފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ 2 މެމްބަރަކު ވަކިކުރުމަށް ނިންމާފައިވަނީ ކޮމިޝަންގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހުއެވެ. އެކޮމިޝަނުގެ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ ކޮމިޓީން ބަލަމުން އަންނަނިކޮށް އެ ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ. ޞަފްވާން މަޤާމުން އިސްތިއުފާދެއްވާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއަށް ނިކުމެވަޑައިނުގެން މުސާރަ ނެންގެވުމަށްފަހުއެވެ.

ޝަހީބާއި ޒައިނާ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރަކަށް އައްޔަން ކޮށްފައިވަނީ 5 އޭޕްރީލް 2016 ގައެވެ. ޝަހީބު ބްރޯޑް ކާސްޓިން ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާތާ މިއީ ދެ ވަނަ ދައުރެވެ.